ޚަބަރު

ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް މާލީ ވުޒާރާއިން އެދިއްޖެ


  • މިކަމާއި ގުޅޭ ސަރކިއުލަރއެއްވަނީ ނެރެފައި

  • ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭ

  • ކައުންސިލްތަކުގެ މެދުރާސްތާ ބަޖެޓު ސެޕްޓެމްބަރު 19ގެ ކުރިން ހުށަހަޅަންޖެހޭ

ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް މާލީ ވުޒާރާއިން އެދިއްޖެއެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ސޮއިކުރައްވައި ނެރުއްވާފައިވާ ސަރކިއުލަރއެއްގައި ވަނީ 2025އިން 2027ވަނަ އަހަރަށް ލަފާކުރާ ކައުންސިލްތަކުގެ މެދުރާސްތާ ބަޖެޓުގެ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން، މާލީ ވުޒާރާއިން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާ ބަޖެޓު ތައްޔާރުކޮށް ހުށަހަޅަންޖެހޭ ކަމަށެވެ.

ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރާއިރު ފަންޑުތަކުގެ އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަންވާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

ކައުންސިލްތަކަށް ފަންޑުތަކުން ލިބޭ އާމްދަނީ:

• ދައުލަތުގެ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ
• ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ
• ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް
• ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ

މަތީގައިވާ ފަންޑުތަކުގެ ތެރެއިން، ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރުކުރަންވާނީ މިއަހަރުގެ މެދުރާސްތާ ބަޖެޓާއި އަންނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާކޮށްފައިވާ އަދަދުތަކަށްވުރެ އިތުރުނުވާނެގޮތަކަށްކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި އަދަދުތައް އަންނަ އަހަރުގެ މެދުރާސްޓާ ބަޖެޓުގައި މުރާޖައާކުރެވޭނެއެވެ. ކައުންސިލްތަކުން ބަޖެޓު ފައިނަލް ކުރާނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާގޮތުގެ މަތިން އަންނަ އަހަރުގެ މެދުރާސްތާގެ ބަޖެޓު ފާސްކުރުމުން، އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށްގެންނެވެ.

ކައުންސިލްތަކުގެ މެދުރާސްތާ ބަޖެޓު ސެޕްޓެމްބަރު 19ގެ ކުރިން މާލީ ވުޒާރާއަށް ހުށަހެޅުމަށް ވަނީ އަންގަވާފައެވެ.