ޚަބަރު

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ އދގެ އިދާރާ އުވައިލެވޭނެ އެއްވެސް ގޮތެއް ނެތް: ގުތެރޭޝް


ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އަންރްވާ) އުވައިލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެ, އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ޔަހޫދީންނަށް ރައްދު ދެއްވައިފިއެވެ. އަންރްވާ އުވައިނުލެވޭނެ ކަމަށް ވިދާޅުވެ ގުތެރޭޝް ވާހަަކަފުޅު ދައްކަވާފައި ވަނީ އެ އިދާރާއަށް މާލީ އެހީތެރިކަން ހޯދުމަށް އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންރްވާ އުވައިލަން ގޮވައިލަމުން ދަނީ ޔަހޫދީ ފައުޖާއި ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ސަރުކާރުންނެވެ. މި ގޮވައިލުމަށް ރައްދު ދެއްވަމުން ގުތެރޭޝް ވިދާޅުވީ, އަންރްވާއަކީ ކޮންމެހެން ބޭނުންތެރި އިދާރާއެއް ކަމަށް ދުނިޔޭގެ ތަފާތު 118 ޤައުމަކުން އެއްބަސްވެ, އެ އިދާރާ ބަލައިގަނެފައިވާ ކަމުގައެވެ. އަދި, އެ އިދާރާގެ ފަހަތުގައި އެ 118 ޤައުމުން ތިބި ކަމަށާއި, އެއީ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރުމުގެ މައިބަދަ ކަމުގައި އެ ޤައުމުތަކުން ގަބޫލު ކުރާ ކަމުގައެވެ.

އަންރްވާގެ މައިގަނޑު މަޤުޞަދަކީ ފަލަސްޠީނުގެ އެތަކެއް މިލިޔަން ރެފިއުޖީންނަށް ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން އުރުދުނާއި ސޫރިޔާއާއި ލުބްނާނުގައި ދިރިއުޅޭ ފަލަސްޠީނުގެ ރެފިއުޖީންނަށް ވެސް އެ އިދާރާއިން ދަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"އަޅުގަނޑު އެންމެންގެ ކިބައިން އެދޭ އެދުމަކީ, އަންރްވާ ރައްކާތެރި ކޮށްދެއްވާށޭ, އަންރްވާގެ މުވައްޒަފުންގެ ރައްކާތެރި ކަން ކަށަވަރު ކޮށްދެއްވާށޭ, އަންރްވާގެ މަޤުޞަދު ހިމާޔަތް ކޮށްދެއްވާށޭ, އެއަށް [އަންރްވާއަށް] ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާށޭ. އެންމެ ސާފުކޮށް ދަންނަވާ ނަމަ ދެންނެވޭނީ: އަންރްވާގެ ބަދަލުގައި ހޯދޭނެ އިތުރު ގޮތެއް ނެތޭ،" ޔަހޫދީންގެ ގޮވައިލުމަށް ގޮންޖައްސަވައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވިއެވެ.

އަންރްވާއަކީ އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އިދާރާއަކަށްވީ ނަމަވެސް, ޒަޔަނިސްޓު އިސްރާއީލުގެ ޓެރެރިސްޓު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތުހުމަތު ކުރާ ގޮތުގައި އެއީ އިސްރާއީލާ ދެކޮޅު އިދާރާއެކެވެ. އަދި, އަންރްވާއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމަށް ޒަޔަނިސްޓު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގައި މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް, ޙަޤީޤީ ނިރުބަވެރިންނަކީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާން ހިންގަމުންދާ ޔަހޫދީ ސިފައިންނެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ހިންގި އަސްކަރީ ކެމްޕޭނުގައި އަންރްވާގެ މުވައްޒަފުން ބައިވެރިވި ކަމަށް ބުނެ ޔަހޫދީ ފައުޖާއި ޓެރެރިސްޓު ނަތަންޔާހޫ ދަނީ އޮޅުވައިލަން މަސައްކަތް ކުރަމުންނެވެ. އަދި, އަންރްވާގެ އަގު ވައްޓައިލަން މަސައްކަތް ކުރަމުންނެވެ. މި ތުހުމަތުތަކާ ގުޅިގެން ޔަހޫދީންގެ މަސްލަޙަތަށް މަސައްކަތް ކުރާ ބައެއް ޤައުމުތަކުން އަންރްވާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން މެދުކަނޑައިލިއެވެ.

ނަމަވެސް, ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ތުހުމަތުތައް ތަޙުޤީޤު ކުރަމުންދާ ކަން އދއިން ހާމަ ކުރުމުން, އެހީ ކަނޑައިލި ގިނަ ޤައުމުތަކުން ވަނީ އެ ނިންމުން ބަދަލު ކޮށްފައެވެ. އަންރްވާގެ އިޖުތިމާޢީ ޚިދުމަތްތެރިންނަކީ ޓެރެރިސްޓުން ކަމަށް ސިފަކޮށް, އެ މީހުންގެ ކޮނޑުގައި ދޮގު އިލްޒާމުތަކެއް އެޅުވުމުގެ އިތުރުން އަނިޔާވެރި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ދަނީ އަންރްވާގެ މުވައްޒަފުންނަށް ރަޙުމު ކުޑަ ޙަމަލާތައް ވެސް އަމާޒު ކުރަމުންނެވެ. ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ އަންރްވާގެ މުވައްޒަފުންގެ ޢަދަދު 195އަށް އުފުލިފައިވާ ކަމުގައި އދއިން ހާމަކުރިއެވެ.

"އަންރްވާގެ މުވައްޒަފުންނަށް އެކި ގޮތްގޮތުން ޙަމަލާތައް ދަނީ އަމާޒު ކުރަމުން. އެ މީހުންނާ ދެކޮޅަށް އަނިޔާވެރި މުޒާހަރާތައް ދަނީ ބާއްވަމުން. އެ މީހުންނޭ ކިޔައިގެން ދޮގު މަޢުލޫމާތު ފަތުރަން ކެމްޕޭންތައް ދަނީ ހިންގަމުން. އަންރްވާގެ ބައެއް މުވައްޒަފުން ހައްޔަރުކޮށް [ޔަހޫދީ ފައުޖުގެ ސިފައިން ވަނީ] އެ މީހުންނާ މެދު އަނިޔާވެރިކޮށް އަމަލު ކޮށްފައި. ބައެއް މުވައްޒަފުންނަށް އަނިޔާ ކޮށްފައިވޭ،" ގުތެރޭޝް ވިދާޅުވިއެވެ.

އަންރްވާއަކީ 1949ވަނަ އަހަރުގެ ޢަރަބި-އިސްރާއީލް ހަނގުރާމައަށް ފަހު އުފައްދާފައިވާ އދގެ ޚާއްޞަ ގުނަވަނެކެވެ. އުރުދުނުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަޙްމޫދު ޟަޔިފިالله ޙަމޫދު ވިދާޅުވީ, އަންރްވާއަށް ތާޢީދުކޮށް, އެ އިދާރާއަށް އެހީތެރިކަން ފޯރުކޮށްދޭން 118 ޤައުމަކުން ތައްޔާރަށް އޮތް ކަން ހާމަ ކޮށްފައިވާ ކަމުގައެވެ. އަދި, އަންރްވާ އުވައިލުމާ އެ 118 ޤައުމުން ދެކޮޅު ހަދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.