ޚަބަރު

ބިދޭސީން ހިންގަމުންދިޔަ ކެފޭތަކެއް ބަންދުކޮށް 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • ކެފޭއާއި ޓެކްއަވޭ ވިޔަފާރިކުރަމުންދާ ތަންތަން ވަނީ ބަލާފައި

  • 4 ތަނެއް ބަލާ ފާސްކޮށް 7 ބިދޭސީއެއް ހައްޔަރުކުރި

  • އިމިގްރޭޝަންގެ ވެހިކަލަކަށް ގެއްލުންދިން މީހާ ޑީޕޯޓްކޮށްލާނެ

ޤަވައިދާ ޚިލާފައި އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެތެރެއިން، 3 ބިދޭސީން ގުޅިގެން ހިންގަމުންދިޔަ ކެފޭއެއް ބަންދުކޮށް ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަން ވިދާޅުވީ، ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ އޮޕްރޭޝަންގައި މާލޭގައި ކެފޭއާއި ޓެކްއަވޭ ވިޔަފާރިކުރަމުންދާ ތަންތަން ބަލާފައިވާކަމަށެވެ. އެގޮތުން 4 ތަނެއް ބަލާ ފާސް ކުރިއިރު، ޤަވައިދާ ޚިލާފައި އުޅޭކަމަށް ފާހަގަކުރެވުނު ބިދޭސީ 6 ފިރިހެނަކާއި، އަންހެނެއް ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެތެރެއިން 3 ބިދޭސީއަކު އެކުވެގެން ހިންގަމުންދިޔަ ކެފޭއެއްވެސް ވަނީ ބަންދުކޮށްފައެވެ.
އިމިގްރޭޝަނުން ބުނީ ހައްޔަރުކުރި ބިދޭސީންގެތެރޭގައި، އިމިގްރޭޝަންގެ ވެހިކަލަކަށް ގެއްލުންދިނުމުގެ ސަބަބުން ހައްޔަރުކުރި އެކަކު ހިމެނޭކަމަށެވެ.

އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންދިޔަ ބިދޭސީންނާމެދު އިމިގްރޭޝަންގެ ޤާނުނުގެދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަޙީދު ވިދާޅުވިއެވެ. އަދި ވެހިކަލަށް ގެއްލުންދިންމީހާ ޑީޕޯޓްކޮށްލާނެކަމުގެ އިންޒާރުވެސް ޝަމްޢާން ވަނީ ދެއްވާފައެވެ.

ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޝަމްޢާން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ފަސް ޖެހުމެއްނެތި އަދި ބިރަކަށް ސިހުމެއްނެތި ކުރިއަށްދާނެކަމަށެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ މަސައްކަތްތަކުގައި މިވަގުތު އެންމެ ބޮޑު ސަމާލްކަމެއް އޮތީ، ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމުގެ މަސައްކަތްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. ގަވައިދާ ޚިލާފައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ ޚާއްސަ އޮޕަރޭޝަނެއް ފެށީ ޖޫންމަހުގެ 30ވަނަ ދުވަހުއެވެ. ފުލުހުންނާ ގުޅިގެން ހިންގާ މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު 83 ބިދެސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަންގެ މަސައްކަތްތައް މާރުކޭޓުތަކާއި މާލެ ތެރޭގައި ހުރި ވިޔަފާރިކުރާ އެކިއެކި ތަންތަން އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނަށް ޢަމާޒުކޮށްގެން ދަނީ ހިންގަމުންނެވެ. މިހާތަނަށް 130އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ގަވައިދާ ޚިލާފައި އުޅޭ ބިދޭސީން ހުއްޓުވުމުގެ އިތުރުން، ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާމެދުވެސް، ޤާނުނުގައިވާގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ވިދާޅުވެފައެވެ.

ޝަމްޢާން ވަނީ އިމިގްރޭޝަން ޤާނޫނުގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު ފައިސާ މުޢާމަލާތްތައް ހިންގުމާއި، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއެއް ލައްވާ އެއްވެސް މަސައްކަތެއް ކުރުވުމަކީ ޤާނޫނީ ކުށެއްކަން ހަނދާންކޮށްދެއްވާފައެވެ. އެފަދަ ކަމެއްކޮށްފިނަމަ. އެ ފަރާތްތައް 50،000އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި، އެ މީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނެރަލަށް ލިބިދޭކަން ޝަމްޢާން ފާހަގަކުރެއްވިއެވެ.

ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭގޮތަށް ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.