ޚަބަރު

ވީއައިއޭގެ ބެގޭޖު ހޭންޑްލިންގ ސިސްޓަމަށް ޒަމާނީ ބަދަލު ގެންނަނީ


  • ވީއައިއޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުން

  • ބެގޭޖު ހޭންޑްލިންގ ސިސްޓަމަށް ގެންނަ ބަދަލާއެކު އަވަސް ޚިދުމަތެއް ދެވޭނެ

  • މަސައްކަތް ހަރުދަނާވެ ފަސިންޖަރުންނަށް ފަސޭހަވާނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ބެގޭޖު ހެންޑްލިންގ ސިސްޓަމް މިހާރަށްވުރެ ހަރުދަނާކުރުމަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް މުޙައްމަދު ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެއް ކުރިއަށްދާއިރު، އެއަރޕޯޓުގެ ހިންގުން ހަރުދަނާކުރުމަށްވެސް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ދުނިޔޭގެ އެހެން ބައިނަލްއަޤްވާމީ އެއަރޕޯޓުތަކުގައިވެސް ބޭނުންކުރާ ބެގޭޖު ހޭންޑްލިންގ ސިސްޓަމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވެސް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިސިސްޓަމާއެކު ފޮށިތައް ބަލާ ފާސްކުރުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްވެ، ހަރުދަނާވެގެންދާނެއެވެ.

"މިހާރު އެއަރޕޯޓަށް ވަންނައިރު، ކުރިމަތީގަ ސްކޭނަރެއް ބަހައްޓައިގެން ސްކޭންކޮށް، އަނެއްކާ ޗެކިން ކައުންޓަރަށް ގޮސް، ދަބަސް ދޫކޮށްލާނެ، މުސްތަޤްބަލުގައި އެކަން ވެގެންދާނީ ޗެކިން ކައުންޓަރުން، ޗެކިންކޮށްލީމަ، އެތެރެއަށް ގޮސް ސްކޭން ކުރާ ކަމަކަށް، ބެގޭޖް ރިކޮންސިލިއޭޝަން ސިސްޓަމާއެކު ހިއުމަން އެރޯ އެރުން މަދުވާނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް އަބަދުވެސް އިސްކަން ދެއްވާ ކަމަށެވެ. އަދި ކުރިމަގުގައި އެފަދަ ގިނަ ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ.

ކުރިމަގުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނާނެ ބަދަލުތަކާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް އެއަރޕޯޓަށް ގެނައުމަށް ބޭނުންވާ ކަމަށެވެ.

"ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ހަލުވިކޮށް، މަސައްކަތް ޚަރަދުކުޑަކުރުމަށް މަސަައްކަތްކުރާނަން، ކުރިމަގުގައި ޑޭޓާ ސައިންޓިސްޓުންވެސް ގެންނާނަން، ޓެކްނޮލޮޖީ އެންމެ ރަނގަޅަށް ހިފާ އެއް ކުންފުންޏަށް އެމްއޭސީއެލް ވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލަކީ 3000އެއްހާ މީހުންނަށް ދުވާލަކު ޚިދުމަތްދެވޭނެ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެއް ކަމަށެވެ. އެހެންނަމަވެސް ޕީކް ދުވަސްތަކުގައި އެއަރޕޯޓުން 12000އެއްހާ މީހުންނަށް މިހާރު ޚިދުމަތްދެމުންދާ ކަމަށެވެ.

އަދި އައު ޓަރމިނަލާއެކު ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އެއަރޕޯޓުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މިހާރަށްވުރެ ގިނަ އެއަރލައިންތަކަށް ޚިދުމަތްދެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ 78 ހާސް އަކަ މީޓަރުގެ ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓާމިނަލެކެވެ.

އައު ފަސިންޖަރ ޓާމިނަލް ތަރައްޤީ ކުރަނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ.

އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓާމިނަލްގައި ހުންނާނެއެވެ. އައު ޓާމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް މިތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.

ޝަރީފް ވިދާޅުވީ ޑޮމެސްޓިކް އެއަރޕޯޓަކީވެސް ގިނަ ބަޔަކު ބޭނުންކުރާ އެއަރޕޯޓެއް ކަމަށާއި، ޕީކް ގަޑިތަކުގައި ކިއުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރުމަށްޓަކައި، އިތުރު ކައުންޓަރުތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.