ޔޫރޯ 2024 ގެ ސެމީ ފައިނަލްގައި ނެދަލެންޑްސް އަތުން 1-2 އިން ހޯދީ މޮޅާއެކު އިންގްލެންޑަށް އެ ގައުމުގެ ރަސްގެފާނު، ޗާލްސް މަރުހަބާ ދަންނަވައި، މުބާރާތުގެ ފައިނަލް މެޗަށް ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ސެމީގައި ފަހަތުންއަރައި އިންގްލެންޑުން މޮޅުވީ މެޗުގެ އިތުރުވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، އެސްޓަން ވިލާގެ ފޯވާޑް، އޮލީ ވަޓްކިންސް ވައްދާލި ލަނޑުންނެވެ.
އެގޮތުން، މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުން އެކަމަށް މަރުހަބާ ވިދާޅުވަމުން ރަސްގެފާނު ޗާލްސް ފޮނުއްވެވި މެސެޖުގައި ވަނީ، އަނބިކަނބަލުން ރާނީ، ކެމީލާ ހިމެނިވަޑައިގަންނަވާ ގޮތަށް ދެކަނބަލުންގެ ފަރާތުން ޔޫރޯގެ ފައިނަލް މެޗަށް އިންގްލެންޑް ޓީމަށް ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ.
އަދި، ޕެނަލްޓީ ޝޫޓްއައުޓަކަށް ނުގޮސް މާބޮޑު އުނދަގުލެއް ނެތި، ފައިނަލް މެޗު ކާމިޔާބުކުރުމަށް އިންގްލެންޑް ޓީމުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ވެސް ރަސްގެފާނު، ޗާލްސްގެ މެސެޖުގައި ވެއެވެ.
މި ފަހަރުގެ މުބާރާތާއެކު އިންގްލެންޑުން ޖެހިޖެހިގެން ދެވަނަ ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު، މިއީ ގައުމުން ބޭރުގައި ކުޅުނު ބޮޑު މުބާރާތެއްގެ ފައިނަލްގައި އެ ޓީމުން ވާދަކުރާ ފުރަތަމަ ފަހަރު ވެސް މެއެވެ.
މިހާތަނަށް 1966 ވަނަ އަހަރު ކާމިޔާބުކުރީ ފީފާ ވޯލްޑް ކަޕްގެ ފަހުން އިންގްލެންޑަށް ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވީ ޔޫރޯގެ ފައިނަލްގައި ނާކާމިޔާބުވީ ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީ އަތުން ބަލިވުމުންނެވެ.