ޚަބަރު

ޤައުމިއްޔަތު މަޝްރޫޢު މުއައްސަސާތަކަށް ތަޢާރަފުކޮށް އެރުވުމުގެ ބައްދަލުވުންތައް ފަށައިފި


  • ޤައުމިއްޔަތާ ބެހޭ މަޢުލޫމާތުދިނުން ހިންގީ އައިޔޫއެމްގައި

  • ޤައުމިއްޔަތުގެ ލޯބި އާލާކޮށް ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރޭ

ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢު، އެކި މުއައްސަސާތަކަށް ތަޢާރަފުކޮށް އެރުވުމުގެ ބައްދަލުވުންތައް ފަށައިފިއެވެ. މީގެ އެންމެ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންދެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމް އި މަސައްކަތްކުރައްވާ އެކި ޢިލްމުތަކުގެ ބޭފުޅުންނަށެވެ.

މި ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ މިއީ އެވުޒާރާއިން ބޭރުގައި އެހެން މުއައްސަސާއަކަށް ޤައުމިއްޔަތު މަޝްރޫޢުގެ މަޢުލޫމާތު ދޭ ފުރަތަމަ ބައްދަލުވުމުންކަމަށެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސަކީ އިސްލާމްދީނަށް ވާއިރު، އިސްލާމީ ޔުނިވާސިޓިފަދަ އިސްލާމީ ތަޢުލީމަށް ޚާއްޞަ ތަނެއްގައި މިފަދަ މަސައްކަތެއް ފެށޭތީ، މިއީ މި މަސައްކަތަށް ލިބޭ އިތުރު ފުރިހަމަކަމެއްގެގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަނީ ޤައުމިއްޔަތު މާނަކުރުމާއި، ޤައުމިއްޔަތުގެ ބަހާތާކާއި، ދިރުވާ ޢާލާކުރުމުގައި ފަރުދީގޮތުންނާޢީ، ތަޢުލީމުދޭ މުޢާއްސަސާއެއްގެގޮތުން ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި މަސައްކަތް ހަރުދަނާ ކުރާނެ ގޮތްތަކަށް ޚިޔާލު ހޯދާ މަޝްވަރާކުރެއްވިއެވެ.

"މި ބައްދަލުވުންތަކުގެ ބޭނުމަކީ ޤައުމިއްޔަތު އިއާދަކުރުމުގައި ސަރުކާރުގެ ވިސްނުން ހިއްސާކުރުން. އަދި މަސައްކަތް ގެންދިއުމުގައި އެކި ޢިލްމުތަކުގެ ބޭފުޅުންގެ ޚިޔާލާ މަޝްވަރާ ހޯދުން. އޮފީހުގައި ކުރިއަށްގެންދިޔަ އެކިއެކި ބައްދަލުވުންތަކުގައި މިހާތަނަށް 600އަށްވުރެ ގިނަ މީހުންނަށް ޤައުމިއްޔަތު ތަޢާރަފުކޮށްއަރުވާ މަޝްވަރާކުރެވިއްޖެ." ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕްރެޒެންޓޭޝަނާކާއެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން އެ ޔުނިވަރސިޓީގެ ލެކްޗަރާރުންނާއި، ދިރާސާވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތަޢާރަފަށް ފަހު ބައްދަލުވުމުގެ ބައިވެރީން ވަނީ މި ތަޢާރަފާ ބެހޭ ގޮތުން އެފަރާތްތަކުގެ ސުވާލުތަކާއި ޝުޢޫރުތައް ފާޅުކޮށްފައެވެ.

މި މަސައްކަތަކީ މި ދަނޑިވަޅަށް ޤައުމަށް ނުހަނު ބޭނުންތެރި މަސައްކަތެއްކަމަށާއި، ހުރިހާ ދިވެހީންނަށްވެސް ކޮންމެހެން އަންގައިދީ ހޭލުންތެރިކުރުވުން މުހިންމު މަޢުލޫމާތުތައް މި ތަޢާރަފުގައި ހިމެނެކަން ބައިވެރިން ފާހަގަކުރިއެވެ.

"ޤައުމިއްޔަތުގެ ބަހާ ދަނީ މަޑުމަޑުން ހީނަރުވަމުން. މިގޮތަށް މުއައްސަސާތަކަށްގޮސް ޚިޔާލު ބަދަލުކޮށް، ވިސްނުން ހިއްސާކުރުމުގެ ފުރުޞަތު ދިނުމަކީ، ޤައުމިއްޔަތާ ބެހޭގޮތުން އޮތް ވިސްނުންތައް ތަރައްޤީވާންލިބޭ ފުރުޞަތެއް. ޢިލްމީ ނަޒަރަކުން ޤައުމިއްޔާތާމެދު މީހުންގެ ވިސްނުން ބަދަލުކުރެވޭނެގޮތް އެނގިގެން ހިންގައްޖެ. މި ތަޝައްވުރު ސްކޫލް ދަރިވަރުންނަށް އުނގަންނައިދިނުން ވަރަށް މުހިންމު." ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރިއެވެ.

ދިވެހި ބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ކުރިމަގުގައި އެކި މުއައްސާތަކަށް ޢަމާޒުކޮށްގެން މިފަދަ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަވާނެކަމަށެވެ. މީގެ ބޭނުމަކަށްވަނީ ދިވެހިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި އާލާކޮށް ދެމެހެއްޓުމެވެ.

ދިވެހި ޤައުމިއްޔަތު ނުވަތަ ދިވެހިވަންތަކަން އިއާދަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ 5 އަހަރުގެ ޤައުމީ މަޝްރޫޢުގެދަށުން މިއަހަރުގެ ޖަނަވަރީމަހުގެ 18ގައިވަނީ ރައީސުލްޖުމްހޫރިއްޔާ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދަވާފައެވެ. މި މަރުކަޒުން ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި 5 އަހަރު ދުވަހުގެ ފީލްޑް ރިސަރޗް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގައި އިތުރަށް ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދިވެހި ޤައުމީ އިސްވަރު ކޮލެޖެއް ޤާއިމު ކުރުމާއި، ޤައުމީ ޗާޕްޚާނާއެއް އުފެއްދުން ހިމެނެއެވެ.