ޚަބަރު

އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އިތުރު އެއް އަހަރު ތިބެވޭނެ: ޕާކިސްތާން


ޕާކިސްތާނަށް ހިޖުރަ ކޮށްފައިވާ އަފްޣާނިސްތާނުގެ ރެފިއުޖީންގެ ތެރެއިން މުއްދަތު ހަމަވެފައިވާ ޕްރޫފް އޮފް ރެޖިސްޓްރޭޝަން (ޕީއޯއާރް) ކާޑު އޮތް ރެފިއުޖީންނަށް އިތުރު އެއް އަހަރު ދުވަހު އެ ޤައުމުގައި ތިބުމުގެ ހުއްދަ ދީފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެ ގޮތަށް އަމަލު ކުރައްވަން ނިންމަވާފައި ވަނީ އދގެ ރެފިއުޖީންނާ ބެހޭ އިދާރާގެ އެދުމުގެ މަތިން ކަމަށް ބެލެވެއެވެ.

އަފްޣާނިސްތާނަށް އެމެރިކާ ސިފައިން ފޮނުވައިގެން ފެށި ހަނގުރާމައާ ގުޅިގެން އެ ޤައުމުން 1.5 މިލިޔަނެއްހާ ރެފިއުޖީން ޕާކިސްތާނަށް ހިޖުރަ ކުރިއެވެ. އޭގެ ތެރޭގައި ހިމެނޭ, ޤަވާޢިދާ ޚިލާފަށް އުޅޭ ރެފިއުޖީންނާއި, ޕީއޯއާރް ކާޑުގެ މުއްދަތު ހަމަވެފައިވާ ރެފިއުޖީން އަނބުރާ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް ޕާކިސްތާނުގެ ސަރުކާރުން ވަނީ ފަށާފައެވެ. ނަމަވެސް, އދގެ ރެފިއުޖީންނާ ހައި ކޮމިޝަނަރު ފިލިއްޕޯ ގްރާންދީގެ އެދިވަޑައިގަތުމުގެ މަތިން, ޕާކިސްތާނުން ވަނީ މުއްދަތު ހަމަވެފައިވާ ކާޑު އޮތް ރެފިއުޖީންނަށް އެ ޤައުމުގައި އިތުރު އެއް އަހަރު ދިރިއުޅުމުގެ ފުރުޞަތު ދޭން ނިންމާފައެވެ.

އެ ކަން އިޢުލާނު ކުރައްވައި ޝަރީފް ވިދާޅުވީ, އެ ނިންމުން ތަންފީޒު ކުރެވޭނީ ޖޫން 30ވަނަ ދުވަހާ ހަމައަށް މުއްދަތު ހަމަވެފައިވާ ޕީއޯއާރް ކާޑު އޮތް ރެފިއުޖީންނަށް އެކަނި ކަމުގައެވެ. އދން ދެކޭ ގޮތުގައި ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އެ ޤައުމުން ދޫކޮށްފައިވާ ޕީއޯއާރް ކާޑަކީ, އެ މީހުންގެ ޙައްޤުތައް ހިމާޔަތް ކޮށްދޭން މުހިންމު ވަސީލަތެކެވެ.

ޕާކިސްތާނުގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ރެފިއުޖީން އަނބުރާ ވަޒަނަށް ފޮނުވައިލުމުގެ މަސައްކަތް އެ ޤައުމުން ފަށާފައި ވަނީ ހުސްވި އަހަރުގެ ނޮވެންބަރު މަހުއެވެ. އެ ގޮތުން މިހާތަނަށް އެންމެ ގިނައިން ފޮނުވައިލާފައި ވަނީ އަފްޣާނިސްތާނުގެ ރެފިއުޖީންނެވެ. އދގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި, އެ ޕުރޮގުރާމުގެ ދަށުން މިހާތަނަށް ފޮނުވައިލާފައިވާ އަފްޣާނިސްތާނުގެ ރެފިއުޖީންގެ ޢަދަދު 500,000އަށް އަރައެވެ.

ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާން ރެފިއުޖީން އަނބުރާ ވަޒަނަށް ފޮނުވައިލުމުގެ މަސައްކަތް ފަށާފައި ވަނީ, ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އަފްޣާނިސްތާނުގެ ސަރުކާރުން ހިމާޔަތް ދެމުންދާ ކަމުގެ ތުހުމަތުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް, އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން އެ ތުހުމަތުތައް ދޮގު ކުރެއެވެ.

އަފްޣާނިސްތާނަށް ބޭރުގެ ބާރުތަކުން އަރައިގަނެ ހަނގުރާމަ ކުރަން ފަށާފައި ވަނީ މީގެ 40 ވަރަކަށް އަހަރު ކުރިންނެވެ. އެ ކަމާ ގުޅިގެން މިއަދާ ހަމައަށް ޕާކިސްތާނަށް ހިޖުރަ ކޮށްފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންގެ ޢަދަދު ހަތަރު މިލިިޔަނަށް އަރާ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި, 2021ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމާ ޠާލިބާނުން ޙަވާލުވުމުން ވެސް އެތަކެއް ސަތޭކަ ހާސް އަފްޣާން ރެފިއުޖީން ޕާކިސްތާނަށް ހިޖުރަ ކުރިއެވެ.

ޕާކިސްތާނުން ބުނީ, އަނބުރާ ޤައުމަށް ފޮނުވައިލާފައިވާ ރެފިއުޖީންގެ ތެރޭގައި ހިމެނެނީ ވިސާ ހަމަވެފައިވާ ނުވަތަ ސައްޙަ ލިޔެކިޔުންތައް ނެތް ރެފިއުޖީން ކަމުގައެވެ. ނަމަވެސް, އޭގެ ތެރޭގައި ސައްޙަ ޕީއޯއާރް ކާޑު އޮތް މީހުން ހިމެނޭ ކަމުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ.

އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދާދި ފަހުން ގްރާންދީ ވަނީ ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވާފައެވެ. މުއްދަތު ހަމަވެފައިވާ ޕީއޯއާރް ކާޑު އޮތް އަފްޣާނިސްތާނުގެ ރެފިއުޖީން އަނބުރާ ޤައުމަށް ފޮނުވައިލުމުގެ ޕުރޮގުރާމު މަޑުޖައްސައިލަން ޕާކިސްތާނުން ނިންމާފައި ވަނީ, އެ ދަތުރުގައި ކުރި މަޝްވަރާތަކާ ގުޅިގެން ކަމަށް ބެލެވެއެވެ. ޕާކިސްތާނުގެ އެ ނިންމުމަށް ގްރެންދީ ވަނީ މަރުޙަބާ ދަންނަވާފައެވެ.

ނަމަވެސް, ޤަވާޢިދާ ޚިލާފަށް އުޅޭ ރެފިއުޖީން ބޭރު ކުރުމުގެ ޕުރޮގުރާމު ހުއްޓައިލާފައި ނުވާ ކަމުގައި ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ހާމަކުރިއެވެ. އެ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ, ޔޫއެންއެޗްސީއާރްގެ ކޮމިޝަނަރާ އެކު ޕާކިސްތާނުގެ އިސްވެރިން ބޭއްވެވި ބައްދަލު ކުރެއްވުންތަކުގައި އެ ކަމަށް އެއްބަސްވެފައި ނުވާނެ ކަމުގައެވެ. އަދި, ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީ ބޭރު ކުރުމުގެ ޕުރޮގުރާމު ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގައެވެ.