ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ ޤައުމީ ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް ގިނަ ފަރާތްތަކަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ޖުމްލަ 1.3 މިލިއަން ގަސް އިންދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވީ ތިމާވެއްޓާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، މި ޤަޢުމީ ޢަމާޒު ކާމިޔާބުކުރުމުގެ ފުރުޞަތުގައި ބައިވެރިވުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން އެންމެހާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް މިޕްރޮގްރާމަށް ބޮޑު އިޖާބައެއް ލިބެމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ މި ޕްރޮގްރާމްގައި މިހާތަނަށް ގިނަ ރިސޯޓްތަކުންނާއި، ސްކޫލްތައް އަދި އަމިއްލަ ޖަމްޢިއްޔާތަކުން ޝައުގުވެރިކަން ފާޅުކޮށް، އެ ފަރާތްތަކުން އިންދާނެ ގަހުގެ އަދަދުތަކާ އެ މަޢުލޫމާތު މިނިސްޓްރީއާ ޙިއްސާކޮށްފައިވާކަމަށެވެ.
"އަޅުގަނޑުމެން ހުޅުވާލި ފުރުޞަތުގައި 1.3 މިލިއަން ގަސް އިންދުމަށް މިހާރު ވަނީ ޔަގީންކަންދީ ޕްލެޖް ވެފައި. މީގެތެރޭގައި އެބަ ހިމެނޭ ރިސޯޓްތައް، ސްކޫލްތައް އަދި މަދަނީ ޖަމިއްޔާތައް. މިއީ ވަރަށް ބޮޑު އަދަދެއް." ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަޝްރޫޢު އިތުރަށް ފުޅާކުރަން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި އިންދަނީ ރާއްޖެއިން މަދުން ފެންނަ އެކި ބާވަތުގެ ގަސްތަކާއި، ހިޔާ ލިބޭ ގަސްތަކާއި، އެކި ބާވަތުގެ ކާނާ ލިބޭ ޖުމްލަ 90 ބާވަތެއްގެ ގަހެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ތެރޭގައި 5 މިލިއަން ޕްރޮގްރާމްގެ ފުރަތަމަ ގަސް އިންދަވައިދެއްވާ މަޝްރޫޢު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މާލެއާ އެކުއެކީގައި އަތޮޅުތަކުގައިވެސް ވަނީ ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައެވެ. އެގޮތުން ފުރަތަމަ ދުވަހު 398000 ގަސް އިންދާފައިވާކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިންދާ ގަސްތަކުގެ ސިއްޙަތު ބަލަހައްޓާ، ގަސްތައް ބޮޑުވާ މިންވަރުވެސް ބަލަމުންދާކަމަށެވެ. ވަޒީރު ވަނީ ވީހާވެސް ގިނަ ފަރާތްތަކުން މިޕްރޮގްރާމްގައި ބައިވެރިވެ، 5 މިލިއަން ގަސް އިންދުމުގެ އަމާޒަށް ވާސިލުވުމަށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދަމަހައްޓާ އަދި މޫސުމީ ބަދަލުތަކުން ވިލުންތެރިކަން އިތުރުކުރުމެވެ.