ޚަބަރު

ސްޕެއިނަށް މިހާރަށްވުރެ ރަނގަޅަށް ކުޅެވޭނެ: ފުއެންޓޭ


ޔޫރޯ 2024 ގެ ސެމީ ފައިނަލްގައި ފްރާންސް އަތުން 1-2 އިން މޮޅުވި މެޗަށްފަހު ސްޕެއިންގެ ކޯޗު، ލުއިސް ޑި ލާ ފުއެންޓޭ ބުނީ، ސްޕެއިނުގެ ކުޅުންތެރިންނަށް މިހާރަށްވުރެ ރަނގަޅަށް ކުޅެވޭނެކަން އެނގޭ ކަމަށާއި، އެކަން އެގޮތަށް އޭނާގެ ކުޅުންތެރިން ކުރާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއެންޓޭ ވަނީ، ސްޕެއިނު ކުޅެމުން އަންނަ ފުޓްބޯޅަ ބިނާވެފައި އޮންނަނީ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމުގެ މައްޗަށް ކަމަށާއި، އަބަދުވެސް ބޭނުންވަނީ އެ ކުޅުންތެރިން ހިމެނޭ ގޮތަށް މުޅި ޓީމުގެ އެންމެ މޮޅު ކުޅުން ދެއްކުމަށް ކަމަށް ބުނެފައެވެ.

ސްޕެއިނުގެ ކުޅުންތެރިންނަށް ކުރާ އިތުބާރު ދަމަހައްޓާނެ ކަމަށާއި، އެއީ އަބަދުވެސް ގަދައަޅައި މަސައްކަތްކުރާ ވޯކްރޭޓް ރަނގަޅު ކުޅުންތެރިންކަން ފާހަގަކޮށް ފުއެންޓޭ ބުނީ، މީގެއިން ވެސް ދޭހަކޮށްދެނީ އޭނާގެ ޓީމުގެ އޮތް ފެންވަރާއި ހާލަތު ކަމަށެވެ. އަދި އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް އިރުޝާދުދެވުމަކީ އޭނާ އަށް ލިބޭ ފަޚުރެއް ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފައެވެ.

މުބާރާތުގައި މިހާތަނަށް ސްޕެއިނުގެ ލަމީން ޔަމާލްގެ ފަރާތުން ފެންނަމުންދާ ކުޅުމަށް ބަލާއިރު އޭނާ އަކީ ކުރިމަގުގައި ފުޓްބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ އެއްކުޅުންތެރިޔާ އަށް ވެދާނެ ކަމަށް ފުއެންޓޭގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި އެކަމަށްޓަކައި ވިސްނުންތެރިކަމާއެކު ސްޕެއިނުން ތިބެންޖެހޭނެ ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

ދަނޑުމަތީގައި ފެންނައިރު ޔަމާލް ހީވަނީ ތަޖުރިބާކާރު ކުޅުންތެރިއަކު ފެންނަހެން ކަމަށާއި، އޭނާ އަކީ ސްޕެއިނުގެ ކުޅުންތެރިއަކަށް ވާތީވެ ވަރަށް ބޮޑަށް އުފާވާ ކަމަށް ފުއެންޓޭ ބުންޏެވެ. އަދި، ޔަމާލްގެ ފައި ހަމަބިމުގައި ބެހެއްޓުމަށް އޭނާ އަށް އެހީތެރިވެ، ކުޅުން އިތުރަށް ރަނގަކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފައެވެ.

މުބާރާތުގެ ފައިނަލްގައި ސްޕެއިނުން ކުޅެން ޖެހޭނީ ދެވަނަ ސެމީގައި މިރޭ ނެދަލެންޑްސްއާ އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 14 ވާ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.