ޚަބަރު

ދައުލަތުން ގެއްލިފައިވާ 128،400،000 އަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އޭސީސީއަށް ހުރަސްތަކެއް


  • ގެއްލޭ ފައިސާ ހޯދުމަށް ކޯޓަށް ދިޔުމުގެ ބާރެއް އޭސީސީއަށް ޤާނޫނަކުން ލިބިދީފައި ނެތް

  • ފައިސާ ދެއްކުމަށް އޭސީސީން އެންގުމުން ތަބާނުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ގޮތްތަކެއް އެކުލަވާލަނީ

  • ނަމޫނާ ޤާނޫނު މިއަންނަ ހަފްތާ ތެރޭގައި އޭޖީއަށް ހުށައަޅަން ދަނީ މަސައްކަތްކުރަމުން

ދައުލަތަށް ލިބެންޖެހޭ ސަތޭކަ އަށާވީސް މިލިއަން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދުމަށް މިދިޔަ އަހަރު ނިންމާފައިވީ ނަމަވެސް އެފައިސާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށާއި ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް ޓޫލްކިޓް ޑިޖިޓަލައިޒްޑް ޕްލެޓްފޯމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ މިކަމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ޤާނޫނީ ހުރަސްކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ 123 މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކުރައްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވީ ކޮމިޝަންގެ ކޮންމެ މުވައްޒަފެއްގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުން ގެއްލިގެންދާ ފައިސާ އަނބުރާ ހޯދުމަށް ހުރި ހުރަސްތައްކަމަށެވެ. އެގޮތުން އެކި ސަބަބުތަކާއެކު އެކަން ކުރުމުގައި ދައުލަތް ނުކުޅެދިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކޮމިޝަނަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ޤާނޫނީ ގޮތުން އެފައިދާ ދައުލަތަށް ހޯދާދިނުމަށް ކޯޓަށް ހުށައެޅުމުގެ ބާރު ކޮމިޝަނަށް ލިބިގެން ނުވުންކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ތަޙުގީގަށްފަހު 128،400،000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ދައުލަތަށް ނެގުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އަދި މީގެތެރެއިން ފަންސާސް މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް އަންގާފައިވާނެކަމަށް ވިދާޅުވިއެވެ.

"ޖަމާޢީ ގޮތެއްގައިވެސް އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުން ގެއްލޭ ފައިސާ ހޯދުމަށް ކޮންމެވެސް ސަބަބަކާހުރެ ފަހަތު ފަޔަށް ބުރަވެފައިވާކަން. މިކަމަށް ކޮމިޝަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޤާނޫނީ ބާރު ނެތުން. އެހެންނަމަވެސް އަޅުގަނޑުމެންނަށް އޮތް ހުދޫދުގެ ތެރެއިން ކޮމިޝަނުން ފައިސާ ދައުލަތަށް ނެގުމަށް އެންގުމުން އެކަމަށް އިޖާބަނުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އުސޫލެއް ވަރަށް އަވަހަށް އާއްމުކުރާނަން." ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ ކުށްކޮށްގެން ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީގެ ދިރާސާއެއް ކޮށްފައިވާކަމަށެވެ. މިދިރާސާގެ އަލީގައި 5 އަހަރުގެ ޕްލޭނެއް ތަންފީޒު ކުރަމުންދާކަމަށާއި މިޕްލޭންގެ ދަށުން ނަމޫނާ ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝާމިލް ވިދާޅުވިއެވެ. ޝާމިލް ވިދާޅުވީ މިނަމޫނާ ޤާނޫނު އަންނަ ހަފްތާ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން މިމަސައްކަތް އަވަސްކުރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައިވަނީ ކޮރަޕްޝަންގެ ހިރާސް ވަޒަންކުރުމަށް ޚާއްސަކޮށްފައިވާ "ހިންމި" ޕްލެޓްފޯމް އިފްތިތާޙްކޮށްފައެވެ. މިޕްލެޓްފޯމްގެ ތެރެއިން ދައުލަތުގެ އިދާރާތައް ރަޖިސްޓަރކުރެވި އެތަންތަނުގެ މަޢުލޫމާތުގެ ސިއްރުކަން ދެމެހެއްޓޭނެ ނިޒާމެއްގެ ތެރެއިން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވި، އިދާރާތަކުގައި ކޮރަޕްޝަންގެ ހިރާސްތައް އެންމެ ބޮޑަށް ހުރި ދާއިރާތައް ދެނެގަނެވޭނެކަމަށް އޭސީސީން ބުނެއެވެ. މިވަގުތު ބައެއް ވުޒާރާތަކާއެކު މިމަސައްކަތް ކުރަމުން އަންނައިރު ކުރިއަށް އޮތް ތަނުގައި ސަރުކާރު ކުންފުނިތަކާއެކުވެސް މިމަސައްކަތް ކުރެވޭނެކަމަށް އޭސީސީން ފާހަގަކުރެއެވެ.