ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ ހުއްޓުވާފައިވަނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ހަތަރު ފިރިހެން ބިދޭސީންކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ. އެހެންނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.
އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ޑީޕޯޓްކުރުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ގަވާއިދާ ޚިލާފަށް އެކި ކަހަލަ ވިޔަފާރި ކުރާ 93 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.