ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް 206 ފަރާތުން އެޕްލިކޭޝަން ހުށަހަޅައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގެ އިމްތިހާން ތިން ސަރަހައްދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރުން އައްޑޫ ސިޓީއާއި މ. އަތޮޅުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއްދޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބޭކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައި 100އަށް ވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިޚާއްސަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެކެވެ.