ދުނިޔެ

ލީބިޔާގައި އައިއެސްއާ ދެކޮޅަށް ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް


ލީބިޔާގެ އަސްކަރީ ފައުޖުތަކާއި އައި.އެސްގެ ހަނގުރާމަވެރިންގެ މެދުގައި މިސްރާތާގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުން އެބަދެއެވެ.

ލީބިޔާގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ އަހަރު އައި.އެސްގެ އަތްދަށަށް ގެންގޮސްފައިވާ އެޤައުމުގެ ސިރްތް ސަލާމަތްކުރުމަށް އެޤައުމުގެ ހުޅަނގުގައި ސަރުކާރުގެ ފައުޖުތަކުން ތައްޔާރުވަމުންދާކަމަށެވެ.

ލީބިޔާގެ އަސްކަރިއްޔާގެ އޮފިޝަލު ވިދާޅުވީ މިސްރާތާގައި އައި.އެސްއިން ޤާއިމްކޮށްފައިވާ މަރުކަޒު އެމީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވާނެކަމަށެވެ. ނަމަވެސް ލީބިޔާގެ އަސްކަރިއްޔާއިން ބުނީ ބައިނަލްއަޤްވާމީ އެއްބާރުލުން ލިބެންދެން މަޑުނުކުރާނެކަމަށާއި މި މަރުކަޒު ވީހާވެސް އަވަހަށް ސަލާމަތްކުރުމަށް މަސައްކަތްފަށާނެކަމަށެވެ.

މިސްރާތާގައި އައި.އެސްއިން ޤާއިމްކޮށްފައިވާ މަރުކަޒަކީ އިރާޤާއި ސޫރިޔާގެ ބޭރުން އައި.އެސްއިން ޤައުމެއްގައި ޤާއިމްކޮށްފައިވާ އެންމެ ވަރުގަދަ އެއް މަރުކަޒެވެ. އދގެ އިސްނެގުމުގެ ދަށުން ލީބިޔާގައި މިދިޔަ މާރޗްމަހު އެކުލަވާލާފައިވާ އެއްބައިވަންތަކަމުގެ ސަރުކާރުންވަނީ އައި.އެސް ބަލިކުރުމަށް ކުރިޔަށް ގެންދާ މަސައްކަތައް ހާއްސަ އަސްކަރީ އޮޕަރޭޝަނަށް މަރުކަޒެއް ޤާއިމްކޮށްފައެވެ.

ޔޫރަޕުންނާއި އެމެރިކާއިން އުންމީދުކުރަނީ ލީބިޔާގައި އެކުލަވާލެވިފައިވާ އެއްބައިވަންތަކަމުގެ ސަރުކާރުން އެޤައުމުގައި އުފެދިފައިވާ ވަކި ވަކި ފެކްޝަންތަކުގެ މެދުގައި ސުލްހަޤާއިމްކޮށް ހުރިހާ ފަރާތްތަކެއް ގުޅިގެން އައި.އެސް ބަލިކުރުމަށް މަސައްކަތްކުރުމަށް މަގުފަދިވެގެންދާނެކަމަށެވެ.