ޚަބަރު

ކެނެޑާއާ ދެކޮޅަށް މެސީ ކުޅޭނެ: ސްކަލޯނީ


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ކެނެޑާއާ ދެކޮޅަށް ނިކުތުމުގެ ކުރީން އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ވަނީ، ކުރިއަށް އޮތް މެޗުގެ ފުރަތަމަ އެގާރައިގައި އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ ކުޅޭނެ ކަމަށް ބުނެފައެވެ.

ސްކަލޯނީ މިހެން ބުނީ މެޗުގެ ކުރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރިމަތިވި އަނިޔާގެ ސަބަބުން މެސީ އަށް ވަނީ ގްރޫޕް އޭ ގައި އެ ޓީމު ކުޅުނު ތިންވަނަ މެޗު ގެއްލިފައެވެ. އެކަމަކު، އޭގެފަހުން ދެން އެކުއޭޑޯއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަވަގުތު އެއްކޮށް ކުޅެފައިވެއެވެ.

"ލިއޯގެ ހާލު ރަނގަޅު، މާދަމާގެ މެޗުގައި އޭނާ ކުޅޭނެ." ސްކަލޯނީ ބުންޏެވެ.

މެސީ، 37، މިހާތަނަށް ކޮޕާ އެމެރިކާގައި 13 ލަނޑުޖަހައިފައިވާއިރު މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑާ އެއްވަރުކުރުމަށް ހަތަރު ލަނޑުޖަހަން ޖެހެއެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އާޖެންޓީނާގެ ނޯބާޓޯ މެންޑޭޒާއި، ބްރެޒިލްގެ ޒިޒީނިއޯ އެވެ. މި ދެ ކުޅުންތެރިންވެސް ވަނީ 17 ލަނޑުޖަހައިފައެވެ. މިފަހަރުގެ މުބާރާތުގައި ލަނޑެއްޖެހިފައިނުވާ މެސީ އަށް މި ލިސްޓުން ޖާގަ ލިބެނީ ހަތްވަނައިގައެވެ.

ސްކަލޯނީ ބުނީ، ކެނެޑާއާ ދެކޮޅަށް އާޖެންޓީނާ ނިކުންނަ މެޗުގައި މެސީ ކުޅުވުމާ މެދު ނިންމި ނިންމުމަކީ އޭނާ އަށް ފަސޭހަ ނިންމުމެއް ކަމަށެވެ. އެގޮތުން، މެސީ ގާތުގައި ކުޅެވޭނެތޯ އެހުމުން ނޫނެކޭ ބުނެފިނަމަ، ކުޅެން ނެރޭނީ މެޗުގެ ފަހު 30 މިނެޓަށް ކަމަށާއި، އޭނާ އަށް ކުޅެވޭނެ ކަމަށް ބުނެފިނަމަ މުޅި މެޗު ކުޅޭނެ ކަމަށެވެ.

މި ފަހަރުގެ މުބާރާތަށް އާޖެންޓީނާ ކުރިމަތިލަނީ ރެކޯޑް 16 ވަނަ ފަހަރަށް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދުމަށް ކަމަށްވާއިރު، މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކެނެޑާއާ ދެކޮޅަށް ކުޅެ އާޖެންޓީނާ ވަނީ 0-2 އިން މޮޅުވެފައެވެ. އެ މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ފަހު ހާފުގައި ލަޓާރޯ މާޓިނޭޒް އާއި ހޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިނީ މެސީ ތަނަވަސްކޮށްދިން ދެ ފުރުޞަތުންނެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ކެނެޑާއާ ދެކޮޅަށް އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ފަތިހު 5 ޖަހާއިރު އެވެ.