ޚަބަރު

އައި.ސީ.ސީ.ޕީ.އާރު ޤައުމީ ރިވިއުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިޔަކީ ބަންޑާރަ ނައިބު


  • އައި.ސީ.ސީ.ޕީ.އާރު ބާއްވަނީ ސްވިޓްޒަލޭންޑްގެ ޖެނިވާގައި

  • ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ފާހަގަކުރެވޭ މިންތީގެ މައްސަލަތަކަށް އަލިއަޅުވާލާނެ

އިންޓަރނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު) ގެ ޤައުމީ ރިވިއުގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ވަފުދުގެ އިސްވެރިޔާ އަކީ ބަންޑާރަ ނައިބު، އަލްއުސްތާޛު އަޙްމަދު އުޝާމުކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އޮންނާނީމިމަހުގެ 9 އިން 10އަށް ސްވިޓްޒަލޭންޑްގެ ޖެނިވާގައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ބަންޑާރަނައިބުގެ އިތުރުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛު އަޙްމަދު ހިޝާމް ވަޖީހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ޚަރިޖީ ވުޒާރާއާއި، ބަންޑާރަ ނައިބުގެ އޮފީހާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓެކްނިކަލް ބޭފުޅުންވެސް މި ވަފުދުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ފަރާތުން އައި.ސީ.ސީ.ޕީ.އާރު ބައިވެރިވެ ވަޑައިގަންނަވަނީ ސީނިއަރ ލީގަލް ކައުންސެލް އަލްއުސްތާޛާ ޢާއިޝަތު އިފާދާ އަދި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ފާޠިމަތު ލިއުޝާ ނަޝީދެވެ.

ދިވެހިރާއްޖެއިން ވަނީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، އިންޓަރނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު) ގެ 40 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން 2 ވަނަ ޕީރިއޯޑިކް ރިޕޯޓު 2022 ވަނަ އަހަރުގެ މާރިޗު މަހު ހުށަހަޅާފައެވެ.

މި ރިޕޯޓު އެކުލަވާލައި ނިންމާފައިވަނީ ނޭޝަނަލް މެކޭނިޒަމް ފޮރ އިމްޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕް (އެން.އެމް.އައި.އާރު.އެފް) ގެ ދަށުން އުފައްދާފައިވާ އައި.ސީ.ސީ.ޕީ.އާރު ސަބް-ކޮމިޓީންނެވެ. މި ރިޕޯޓުގެ މައްޗަށް ބިނާކޮށް، އައި.ސީ.ސީ.ޕީ.އާރުގެ ދަށުން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ދިވެހިރާއްޖޭގެ ރިޕޯޓު މުރާޖަޢާކުރުމުގެ ބައްދަލުވުން މި ޖުލައި މަހުގެ 9 އަދި 10 ވަނަ ދުވަހު ޖެނީވާގައި ބޭއްވުމަށް ހަމަޖައްސަވާފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ފާހަގަކުރެވޭ މިންތީގެ މައްސަލަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ މަރުކަޒުތަކާ ގުޅޭ މައްސަލަތަކާއި ގުޅިގެން ހުށައެޅޭ ސުވާލުތަކަށް އެ ވުޒާރާ އިން ޖަވާބުދާރީވާނެކަމަށް އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.