ޚަބަރު

އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދުވެރިވިޔަ ނުދޭކަމުގެ ޔަޤީންކަން ދެއްވައިފި


  • ދަރިވަރުންގެ ކަންކަން އޮޓޮމޭޓުކުރުމުގެ ނިޒާމެއް ދަނީ ޤާއިމްކުރަމުން

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިނުމަށް، ކުރެވެންއޮތް ކޮންމެކަމެއް ދިވެހި ސަރުކާރުން ކުރައްވާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެއާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މި ވަގުތު މަތީ ތަޢުލީމް ހާސިލްކުރަމުން ގެންދެއެވެ. މި ދަރިވަރުންގެ ކޯސްފީއާއި ލިވިންގ އެލަވެންސާއި އެހެނިހެން ޚަރަދުތައް ހަމަޖެހިފައިވާ އުޞޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ އެވުޒާރާއިން އަބަދުމެ ކުރަމުން އަންނަކަމެއްކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ނަމަވެސް ބައެއް ޙާލަތަތްތަކާ ގުޅިގެން ޕޭމަންޓް ދިނުމުގައި، ބައެއް ފަހަރު ލަސްތަކެއް ކުރިމަތިވާކަން ޤަބޫލުކުރާކަމަށް އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ވެސް މިފަދަ ޙާލަތްތައް މެދުވެރިވެފައި އެބަހުރިކަމަށާއި، މީގެ މައިގަނޑު އެއް ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، އެ ވުޒާރާއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި، ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވަރސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ނަގާ ވަގުތުކަމަށް މަތީތަޢުމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިހާރު މަސައްކަތްކުރަމުންދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ އެފަދަ ޚިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ކަށަވަރުކުރުމަށް އޮންނަ އުސޫލު، މިހާރަށްވުރެ ހަލުވިކޮށް، ދަރިވަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފަސޭހަކުރެވޭނެ ގޮތްތައް ހޯދަމުންކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް، ދޭންއޮތް ޔަޤީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިނުމަށް، ކުރެވެންއޮތް ކޮންމެކަމެއް ދިވެހި ސަރުކާރުން ކުރާނެކަންކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ. ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެޔޮގޮތުގައި ބިނާކޮށް، މި ޤައުމު އާރާސްތުކުރުމުގައި އެ ދަރިންގެ ޙިއްޞާ އިތުރު ކުރުމަށްކަމަށްވެސް ބަޔާނުގައިވެއެވެ.

ޤައުމަށް ފައިދާހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރާ މިފަދަ ޤައުމީ އަދި މުހިއްމު މަސައްކަތަކާއި ގުޅުވައިގެން، ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް، ޚަބަރުތައް ފަތުރަމުންދާތީ މަތީތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

މިއާއެކު އެ ވުޒާރާއިން ވަނީ ދަރިވަރުންގެ ކަންކަމާއި ގުޅުވައިގެން ޢާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޢަމަލު ނުކުރުމަށް އެދިވަޑައިގެންފައެވެ.