ޚަބަރު

ޣައްޒާ ސިޓީގައި ހުންނަ އދގެ އޮފީހަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފި


ޣައްޒާ ސިޓީގައި ހުންނަ އދގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާގެ މައި އޮފީހަށް ޔަހޫދީ ފައުޖުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޣައްޒާ ސިޓީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ރަށުގައި ހުންނަ އަލް-އަހީލީ ހަސްފަތާލަށް ވެސް ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒުކޮށް, ދެ މީހުން ޝަހީދު ކޮށްލާފައެވެ.

އެ ޙަމަލާތަކުގައި އދގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާގެ މައި އޮފީހަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަން ސާފެއް ނޫނެވެ. އަދި, އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވެސް ސާފެއް ނޫނެވެ. އެއީ, އެ އިދާރާގެ މުވައްޒަފުންނާއި, އެ އިދާރާއިން ބޭނުން ކުރާ ޢިމާރާތްތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ޙަމަލާ ދިން ފުރަތަމަ ފަހަރެއް ނޫނެވެ.

ޣައްޒާގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނީ ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ދާރާޛާއި ތުއްފާޙުގެ އިތުރުން ހުޅަނގުގައި އޮތް ތަލް އަލް-ހަވާއާއި ޞަބްރާގެ އިތުރުން ރިމާލުގައި ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރާއި ހައްދުފަހަނަ އެޅި ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި, އެ ސަރަޙައްދުތަކުގައި ޢާންމުން ދިރިއުޅޭ ގެދޮރަށާއި ވަގުތީ ހިޔާތަކަށާއި ހަސްފަތާލުތަކާއި މިސްކިތްތަކަށް ޙަމަލާ ދެމުންދާ ކަމުގައެވެ. ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 40އަށްވުރެ މައްޗަށް އަރައެވެ.

އެ ޙަމަލާތަކުގައި ދޮޅަހަކަށް ވުރެ ގިނަ ޢަދަދެއްގެ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި އެ އިދާރާއިން ބުނި ނަމަވެސް, ޔަހޫދީ ފައުޖުގެ ޙަމަލާތައް މެދުކަނޑައިލާފައި ނުވާތީ, އެ ސަރަޙައްދުތަކަށް ދަތުރު ކުރުމަށް އޮތީ ހުރަސް އެޅިފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ހަސްފަތާލުތަކަށް ގެންގޮސް ފަރުވާ ދިނުމަށް ވެސް އޮތީ ހުރަސް އެޅިފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ޢިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަ ކޮށްލާފައިވާ ކަމުގައި ޣައްޒާ ސިޓީގެ ރައްޔިތުން ބުންޏެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ މާސިންގާ ކަނޑު. ޔަހޫދީ ސިފައިން އެ ދަނީ އަޅުގަނޑުމެންގެ ފުރަގަހުން ޙަމަލާ ދެމުން. ދާނެ އެއްވެސް ތަނެއް ނެތް،" ޣައްޒާ ސިޓީގެ ރައްޔިތެއް ކަމުގައިވާ ޢަބްދުލް-ޣަނީ ބުންޏެވެ. "މިސައިލްތަކާއި ބޮންތައް ދަނީ ޢިމާރާތްތަކާއި މަގުތަކުގެ މައްޗަށް އޮއްސަމުން. އެންމެން ކޮޅުކޮޅުު މައްޗަށް ދުވަނީ. ދާންވީ ތަނެއް, ހަދާނެ ގޮތެއް އެކަކަށް ވެސް ނޭނގޭ."

ޣައްޒާ ސިޓީގެ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުން ތިން ދިމާލަކުން އެ ރަށަށް އަރައިގަނެފައިވާ ކަމުގައެވެ. އަދި, އެ ރަށުގައި ދިިރިއުޅޭ ރައްޔިތުންނާއި ރެފިއުޖީންގެ ތެރެއިން އެތަކެއް ހާސް ބަޔަކު, އެ މީހުން ދިރިއުޅެމުން ދިޔަ ގެދޮރާއި ވަގުތީ ހިޔާތަކުން ފައްސައިލާފައިވާ ކަމުގައެވެ. އަދި, އެ ސަރަޙައްދުގައި ރައްކާތެރި ވެވޭނެ އެެއް ވެސް ގޮތެއް ނެތުމާ އެކު, ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަގުތަކުގައި ދިރިއުޅެން ފަށާފައެވެ.

ޔަހޫދީ ފައުޖުން ޣައްޒާ ސިޓީގައި ހުންނަ އަލް-އަހީލީ ޢަރަބި ހަސްފަތާލަށް ޙަމަލާތައް އަމާޒު ކުރަން ފެށުމާ އެކު, އެ ތަނުގައި ތިބި ބަލި މީހުން އެހެން ސަރަޙައްދުތަކަށް ބަދަލު ކުރަން ޞިއްޙީ ޚިދުމަތްތެރިން ވަނީ މަސައްކަތް ފަށާފައެވެ. އެ ފަރާތްތަކުން ބުނީ, އަލް-އަހީލީ ހަސްފަތާލުގައި ތިބި ބަލި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އިންޑޮނީޝިޔާ ހަސްފަތާލަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް, ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އިންޑޮނީޝިޔާ ހަސްފަތާލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފަލަސްޠީިނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތްޙު ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފި, އަލް-އަޤްޞާ މާޓިޔަރސް ބްރިގޭޑްގެ މުޖާހިދުން ވެސް ވަނީ ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނާ ދެކޮޅަށް ޖިހާދު ކުރަން ފަށާފައެވެ. އެ ޖަމާޢަތުން ބުނީ, ޣައްޒާ ސިޓީގެ ހުޅަނގުދެކުނަށް އަރާފައިވާ ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ބޯޓަރު މަޑީގެ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކޮށްފައިވާނެ ކަމުގައެވެ.

މީގެ ނުވަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,193އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 87,903އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.