ޤަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 6 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ރޭ މާލެ ސަރަހައްދުގެ ދެ މާރުކޭޓެއް ބަލައި ފާސްކުރިކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތެރެއިން 6 ބިދޭސީއަކުވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 4 ފިރިހެނުންނާއި 2 އަންހެނުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިއޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ މިއޮޕަރޭޝަންގެ ތެރެއިން ޑޮލަރު ވިއްކުމުގައި ހަރަކާތްތެރިވި 2 ބިދޭސީއަކާއި ކޮފީ ޝޮޕެއް ހިންގަމުންދިޔަ 8 ބިދޭސީއަކުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ. މިއޮޕަރޭޝަންތަކުގައި ހައްޔަރު ކުރާ ބިދޭސީން ބައިތިއްބަނީ ޑިޓެންޝަން ސެންޓަރުގައެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވިދާޅުވެފައިވަނީ އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ހުރީ ޤަވައިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅުއެޅުމަށް ކަމަށެވެ. ޝަމްޢާން ވިދާޅުވީ އިމިގްރޭޝަނުން މަސައްކަތްކުރަމުންދަނީ ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އަދި މިހާރު ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށްދާނެކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.
ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ. އަދި ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭގައި ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.