ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަނުގެ ތެރެއިން އެތަންތަނުގައި އުޞޫލުތަކާ ޚިލާފަށް އުޅޭމުންދިޔަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ.
ވިޔަފާރިތަކުގައި ބިދޭސީން ހަރަކާތްތެރިވާ ކަމުގެ ކަންބޮޑުވުމާއި އެކަމުގެ ސަބަބުން ދިމާވާ ތަފާތު މައްސަލަތަކާ ގުޅޭ ކަންބޮޑުވުންތައް އާންމު ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.
ހަމައެކަނި ދިވެހިންނަށް ވިޔަފާރިކުރެވޭ ގޮތަށް ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ގޮޅިތައް ދޫކޮށްފައިވާއިރު، އޭގެތެރެއިން ގިނަ ގޮޅިތަކުގައި ތަކެތި ވިއްކަންތިބެނީ ބިދޭސީންނެވެ. އަދި ބައެއް ގޮޅިތަކުން ތަކެތި ގަތުމަށްފަހު ފައިސާ ޖަމާކުރަންޖެހެނީ ބިދޭސީންގެ އެކައުންޓުތަކަށް ކަމަށްވުމުން އެއީ އެމީހުން ހިންގާ ގޮޅިތަކުގެ ގޮތުގައި މީހުން ސިފަކުރެއެވެ.
މީގެ އިތުރުން ބައެއް ބާވަތްތަކުގެ ތަކެތި ވިއްކާއިރު ސާފު ތާހިރުކަން ކުޑަވުމާއި ރައްކާތެރިކަމުގެ މިންގަޑުތަކަށް ނުފެތޭގޮތަށް ހުންނަކަން ފާހަގަކުރެވި އެކަންކަމުގެ ޝަކުވާތައްވެސް އާންމުފަރާތްތަކުން ކުރެއެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށްއައިރު އެފަދަ ތަންތަނުގައި ޤާވާޢިދާ ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފައިވާއިރު، ޚާއްސަކޮށް މާރުކޭޓުތަކުގެ ގޮޅިތަކުން ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. ކުރިން ބިދޭސީން ފެންނަ މާރުކޭޓުގެ ގޮޅިތަކުން މިހާރު ފެންނަނީ ދިވެހިންނެވެ. މިކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކުރަމުންނެވެ.
އަދި އެފަދަ ޝުއޫރަކާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ މުޖުތަމަޢުން ފާހަގަކުރެވޭ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ކުރެވޭ މުހިއްމު މަސައްކަތްތަކެއްކަމަށެވެ. އަދި ވަޒީރުކަމުގެ ޒިންމާ ހަވާލުކުރެއްވި ދުވަހު ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާގެ އެންމެ އިސް އެއް ޒިންމާއަކަށް ވާން ވާނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުންކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ވަޒީރު އިޙުސާން ވިދާޅުވިއެވެ.
އެދުވަހުން ފެށިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އާއި ކޮމިޝަނަރ އޮފް ޕޮލިސްއާ އެ އިދާރާތަކުގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނެވެންދެން ފަސްޖެހުމެއް ނެތި މިހާރު ކުރިއަށްގެންދާ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށާއި މިފަދަ ޙައްސާސް މައްސަލަތަކާއި ގުޅިގެން ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ނެގެހެއްޓުމަކީ އިޚްތިޔާރީކަމެއްގެ ގޮތަށް އޮތްއޮތުން ނިންމުމަކަށް އައީ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު މާރުކޭޓުތަކުގައި ތަކެތި ވިއްކުމަށް މިއަދު ދިވެހިން ފެންނަންތިބި ނަމަވެސް، އެފަރާތްތަކުގެ ކަންބޮޑުވުންތަކެއްވެސް އެބަހުއްޓެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މާރުކޭޓުގައި ތަކެތިވިއްކާ ގޮޅިއެއްގެ ވެރިއަކު ބުނީ ގޮޅިތަކުގެ ކޭޝިއަރުންގެގޮތުގައި ބިދޭސީންނަށް ތިބުމާއި އެމީހުންވެސް ދެކޮޅު ކަމަށެވެ. އެހެން ނަމަވެސް ބިދޭސީންނަށް ގޮޅިތަކުގައި އެހީތެރިންގެގޮތުގައި އުޅެވެން ޖެހޭކަމަށް ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ. އެހީތެރިންގެ ގޮތުގައި ބިދޭސީންނަށް ތިބެވޭ ގޮތަށް ހަދައިދިނުމަށް ގޮޅިތައް ހިންގާ ފަރާތްތަކުން ވަނީ އެދިފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ އިސްނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ޑޮލަރު ވިއްކުމުގައި ޙަރަކާތްތެރިވާ ބިދޭސީންނާއި، ކޮފީ ޝޮޕެއްތައް ހިންގާ ބިދޭސީންނާއި، މާރުކޭޓު ގޮޅިތަކުގައި ޤަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީންވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ މުއްދަތަކައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ކުރިއަށްގެންދިއުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.