އުތުރު ތިލަފަޅުގައި ޤާއިމްކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ 15 ވަރަކަށް ބާވަތުގެ ތަރުކާރީ އާއި މޭވާ ހައްދައި ބާޒާރަށް ނެރޭނެކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެތެރޭގައެވެ. 
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އުތުރު ތިލަފަޅުގައި ޤާއިމްކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ ފީސިބިލިޓީ ސްޓަޑީ މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. 
ވަޒީރު ވިދާޅުވީ އުތުރު ތިލަފަޅުގައި ޤާއިމްކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދާއި އެކު، ރާއްޖޭގެ ބޭނުންވާ ކުކުޅު ބިހާއި ކުކުޅުގެ އިތުރަށް 15 ވަރަކަށް ބާވަތުގެ ތަރުކާރީ އާއި މޭވާގެ %70 ކުރިމަގުގައި ބާޒާރަށް ނެރޭނެކަމަށެވެ.
"ކުކުޅު ބިސް، ކުކުޅު، ޓޮމާޓޯ، ފިޔާ، ކެބެޖު، ކެރެޓު، ފަދަ ގާތްގަނޑަކަށް 10 ނޫނީ 15 ވަރަކަށް އައިޓަމް، ދިވެހިން ބޭނުންކުރާ މިންވަރުގެ 70 އިންސައްތަ އުފައްދާނީ ކުރިމަގުގައި ރާއްޖޭގައި" ސަޢީދު ވިދާޅުވިއެވެ. 
		
										
			ސައީދު ވިދާޅުވީ އެ މަޝްރޫޢާ ގުޅޭ މުހިއްމު މަސައްކަތްތަކެއް ރާއްޖެއިން ބޭރުގައިވެސް ކުރިއަށްދާކަމަށެވެ. އެގޮތުން ރާއްޖޭގެ ވެލީގެ ފެންވަރާއި އަވިދޭ މިންވަރު ބެލުމުގެ ދިރާސާތައް ބައިނަލްއަޤްވާމީ ފެންވަރުގެ ލެބޯޓްރީއެއްގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
 
މި މަޝްރޫޢާއެކު 800 އެއްހާ ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށާއި ރާއްޖޭގައި އެ ބާވަތްތައް އުފައްދަން ފެށުމުން އިމްޕޯޓަށް ބަރޯސާވުން ކުޑަވެ، ކާބޯތަކެތީގެ އަގުތައް ދަށްވެގެންދާނެކަން އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
"އެބޭފުޅުން ވިދާޅުވާގޮތުގައި، 10%-20%ގެ  ފުޑް ކޯސްޓު ރިޑަކްޝަންއެއް އަންނާނެ، ވަރަށް ބޮޑުތަނުން އިމްޕޯޓު ކުޑަކުރެވިގެން، އެތައް ލުޔެއް ފޮރިން އެކްސްޗޭންޖަށްވެސް ލިބިގެން އެބަދޭ" ވަޒީރު ސަޢީދު ވިދާޅުވިއެވެ. 
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ އެކަމަށް ހައްލުތަކެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ.
އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު  ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގެ ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓަރމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި ޢުމްރާނީ ވަސީލަތްތައް މި ސަރަޙައްދުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.