ޚަބަރު

ލާމަރުކަޒީ ނިޒާމު އިޞްލާހުކުރުމަށް ރައީސް ހުށައެޅުއްވި ހުށައެޅުއްވުމަށް އެމްޑީޕީން ފާޑުކިޔައިފި


  • ލާމަރުކަޒީ ނިޒާމު މިހާރު އޮތްގޮތުން ދައުލަތަށް ބުރަބޮޑު

  • ކައުންސިލަރުންގެ ޢަދަދު ވަނީ މިދިޔަ ދައުރުގައި އިތުރުކޮށްފައި

ލާމަރުކަޒީ ނިޒާމު އިޞްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ހުށައެޅުއްވުމަށް އެމްޑީޕީން ފާޑުކިޔައިފިއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހާއި، ކައުންސިލްތަކާއި، އެކި ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ. އެކަން ކުރައްވާނީ ޤާނޫނަށް އިޞްލާހު ގެންނަވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން އިޢުލާންކުރައްވާފައިވާ ބަދަލުތަކަށް ފާޑުވިދާޅުވެ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި އެ ނިޒާމުގެ ބާރު ކަނޑުވާލަން އެއްބަސް ނުވެވޭކަމަށެވެ. އަދި ގެނަންއުޅޭ ބަދަލަކީ ރަނގަޅު ބަދަލެއް ނޫންކަމަށް ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

ނަމަވެސް ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އޮތީ ޚަރަދުބޮޑު ދައުލަތަށް ބުރަ ބޮޑު ގޮތަށްކަމަށް ފަންނީ ބޭފުޅުން ވިދާޅުވެފައިވެއެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުގައި ވަނީ ރަށްރަށުގެ ކައުންސިލަރުންގެ ޢަދަދު އިތުރުކޮށްފައެވެ. މިއާއެކު ދައުލަތުގެ ޚަރަދުތައް އެތައް ގުނައެއް އިތުރުވެގެންދިޔަކަން މާލީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

ޝާހިދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވާ މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު އަދި މިހާރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެމްޑީޕީއަށް ކިޔައި ނުދެވޭނެކަމަށެވެ. އެމްޑީޕީން ލާމަރުކަޒީ ނިޒާމު ހިންގެވި ގޮތް ތަޖުރިބާ ކުރައްވާފައިވާކަމަށާއި، އެ ތަޖުރިބާގެ އަލީގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ނިޒާމަށް ގެންނަންޖެހޭ ހެޔޮ ބަދަލު ގެނެސްދެއްވާނެ ކަމަށް ސުޖާޢު ވިދާޅުވިއެވެ.

ރޭ ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޤައުމުގެ ކަންކަން ނިންމަން ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ ޢަދަދެއްގެ މެންބަރުން އިންތިޚާބު ކުރުމަކީ ޚަރަދުބޮޑު ކަމެއްކަމަށެވެ. އެހެންކަމުން ކައުންސިލްތަކުގެ ސައިޒް ކުޑަކުރަންޖެހޭ ކަމަށާއި، ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި، ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޮޑެތި އާބާދީ ރަށްތަކާއި ސިޓީތަކުގައި އެއަށްވުރެ ގިނަ މެންބަރުން ހޮވުން ރަނގަޅުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު އަތޮޅު ކައުންސިލްތައް ހޮވަނީ މާނައޮތް ގޮތެއްގައިނޫންކަމަށް ސިފަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅު ކައުންސިލް އުފައްދާގޮތް ބަދަލުކޮށް އެއީވެސް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ސައިޒު ކުޑަ، އަދި ނަތީޖާ ނެރެވޭނެވަރުގެ ކައުންސިލަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށެވެ.

ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދު މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް އެތައް ބަޔަކު އަންނަނީ ތާޢީދުކޮށް ތަޢުރީފްކުރަމުންނެވެ.