ޚަބަރު

ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސް ބަނދަރުގެ ބޮޑުބައި ނިމިއްޖެ


  • ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ނެރު ކެނޑުމާއި 90 މީޓަރުގެ އެލޯންގ ސައިޑް ޖެޓީއެއްހެދުން

  • މަޝްރޫޢުގެ %85 ވަނީ ނިމިފައި

  • މިއީ 69 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް

ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި ކުރިއަށްދާ "މިފްކޯ ބަނދަރު" ގެ މަސައްކަތުގެ ބޮޑު ބައި ނިންމާލައިފިއެވެ.

ސަރުކާރުގެ ޕީއެސްޕީއައިގެ ދަށުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ނެރު ކެނޑުމާއި 90 މީޓަރުގެ އެލޯންގ ސައިޑް ޖެޓީއެއް ހެދުމެވެ.

މި މަޝްރޫއާ ގުޅޭގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ރީޖަނަލް މެނޭޖަރު އަހުމަދު ޝާހިދު ވިދާޅުވީ އޭއެފްސީ އެކްސްޕޯޓް ޖެޓީ ހަދާފައިވަނީ ބޮޑެތި ބޯޓު ފަހަރަށްވެސް ކައިރި ކުރެވޭގޮތަށްކަމަށެވެ. ނަމަވެސް ޖެޓީގެ މަސައްކަތް ނުނިމި ލަސްވެފައި އޮތީ ޖެޓީއަށް ވަންނަ މަގު ނުކޮނެވި އޮތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ޕޭވްކުރުމާއި، ލައިޓްޖެހުމާއި، ފްރީޒިންގ ކޮންޓެއިނަރ ބޭސްމަންޓް އެޅުން ހިމެނެއެވެ. މިމަސައްކަތްތައް ނިމުމުން މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމް.އެސް.އެސް ގެ ބޯޓު ޖެޓީއަށް ވައްދައިގެން ކޮންޓެއިނަރު ލޯޑުކޮށްގެން މަސް ބޭރުކުރުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"ޖެޓީގެ ހުރިހާ މަސައްކަތެއްކޮށް ނިންމުމުން މިފްކޯގެ މަދަރ ވެސެލްތަކަށްވެސް ފަސޭހަކަމާއެކު ވަދެ މަސް ލޯޑު ކުރުމާއި އަންލޯޑުކުރުމުގެ ޕްރޮސެސް ބަރާބަރަށް ކުރެވޭނެ." ޝާހިދު ވިދާޅުވިއެވެ.

އޭއެފްސީގެ އޮޕަރޭޝަންސް ޑެޕިއުޓީ މެނޭޖަރ ޢަލީ ޝިޔާޒު ވިދާޅުވީ އެ ސައިޓަކީ މަސްވެރިންގެ އަތުން މަސްގަނެ މަސް ފިނިކުރުމަށްފަހު މަސްއެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރާ ސެންޓަރަކަށްވެފައި، އޭއެފްސީގެ އެކްސްޕޯޓު ޖެޓީ ނުނިމި އޮތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

"މިޖެޓީ ނިމިއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް ލިބޭ މަސް އަޅުގަނޑުމެންގެ ޖެޓީއިން ސީދާ އެކްސްޕޯޓު ކޮށްލެވިދާނެ." ޝިޔާޒު ވިދާޅުވިއެވެ.

މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެމްޓީސީސީން ބުނީ ނުނިމި ހުރި ޗެނަލް ޑްރެޖިންގގެ މަސައްކަތް ހުއްޓިފައިވަނީ އެކުންފުނިން ކުރާ ހުރިހާ ޑްރެޖިންގގެ މަސައްކަތްތައް އެއްމަސް ދުވަހަށް ސަސްޕެންޑްކުރުމާ ގުޅިގެން ކަމުގައެވެ. ނަމަވެސް މި ސަސްޕެންޝަން މިދިޔަ ޖޫން މަހު މެދުތެރޭގައި އުވާލުމާ ގުޅުގެން އެމްޓީސީސީގެ ޑްރެޖަރު އައްޑޫގެ ސައިޓަށް ގެންގޮސް އަލުން މަސައްކަތް ފެށުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުމަށް މިފްކޯގެ މެނޭޖުމެންޓުން މިހާރު ވަނީ އެމްޓީސީސީގައި އެދިފައިކަމަށް މިފްކޯއިން ބުންޏެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 69 މިލިއަން ރުފިޔާ އަށެވެ.