ޚަބަރު

އެސްއެމްއީ ހަބް ބަންދުކުރަން ނިންމާފައެއް ނުވޭ: ބީސީސީ


  • އެސްއެމްއީ ހަބް ހިންގާ ޢިމާރާތަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައި

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގާއިމްކޮށްފައިވާ އެސްއެމްއީ ހަބް ބަންދުކުރަން ނިންމާފައިނުވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބުނެފިއެވެ.

ބީސީސީން މިހެން ބުނެފައި މިވަނީ އެސްއެމްއީ ހަބް ބަންދުކުރަން ނިންމާފައިވާކަމަަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެސްއެމްއީ އިމާރާތް ހުސްކުރަން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ޒިޔާއު ވިދާޅުވީ އެސްއެމްއީ ހަބްގެ އިމާރާތް ބޭނުންކުރަމުންދާ ގޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށެވެ. އެގޮތުން އެތަނުގައި ދެ ފަންގިފިލާގައި ފައިނޭންޝަލް އޮޓޯރިޓީއާއި ޑިވެލޮޕްމަންޓް ބޭންކު ހުޅުވަން އިކޮނޮމިކް މިނިސްޓްރީން ނިންމާފައިވާކަމަށް ޒިޔާއު ވިދާޅުވިއެވެ. އަދި އެސްއެމްއީ ހަބުގައި ވިޔަފާރި ކުރަމުން އަންނަ މީހުންނަށް އެއް ފަންގިފިލާ ހާއްސަކޮށްފައިވާކަމަށްވެސް ބީބސީސީން ބުނެއެވެ.

"އެއްވެސް ވިޔަފާރީއެއް ހާލުގައެއް ނުޖެހޭނެ. އަޅުގަނޑުމެން އާމްދަނީ ހޯދަން ހިންގާ ހަރަކާތްތަކަށް ބަދަލު މިއައީ. މިގޮތަށް އަޅުގަނޑުމެން ނިންމީ އެ އިމާރާތުން މާބޮޑު މަންފާއެއް ނުކުރާތީ" ޒިޔާއު ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރުމަހު ހުޅުވި އެސްއެމްއީ ހަބަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ބާޒާރު ހޯދައި ދިނުމަށް ބީސީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވުނު ތަނެކެވެ. މިތަނުގައި ޖުމްލަ 50 ވަރަކަށް ކުދި ވިޔަފާރިތަކަށް ފުރުސަތު ދީފައިވެއެވެ.