ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ހިޖްރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފި


  • އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާގެ މެސެޖު ފޮނުއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ހިޖްރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާ މެސެޖުގައި، މި އައު އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދެއްވުމަށް އެދި ދުޢާ ދެންނެވިއެވެ. އަދި ޚާއްޞަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާތްاللهގެ ރަޙްމަތާއި ބަރަކާތް ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މާތްالله، އިސްލާމީ އުންމަތުގެ ޞުލްޙަ މަސަލަސްކަމާއި އެއްބައިވަންތަކަމާއި އުފާ ފާގަތިކަމަށްޓަކައި ޤައުމުތަކުގެ ގުޅުން ވަރުގަދަ ކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

އެމަނިކުފާނު ހިޖްރީ އައު އަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވެވިއިރު، މި ދުވަހާއި ގުޅުވައިގެން ދެއްވެވި ހިޠާބުގައި ފަލަޞްޠީނުގެ މުސްލިމް އަޚުންނާ އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ، ހަނގުރާމައިގެ ނާމާން ޙާލަތަކީ މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ވިދާޅުވިއެވެ. އަދި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ގުޅިގެން އެއް އުންމަތެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.