ޚަބަރު

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ސިޔާސީ ލީޑަރުން ފޮނުއްވައިފި


  • ހިޖުރީ އައު އަހރާއ ދިމާކޮށް ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުންވަނީ ތަހުނިޔާ ފޮނުއްވާފައި

  • މިއަހަރަކީ ދިވެހީންނަށް ފާގަތި އަހަރެއްކަމުގައި ލެއްވުން އެދިވަނީ ދުޢާކުރައްވާފައި

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރާއްޖޭގެ ސިޔާސީ ލީޑަރުން ފޮނުއްވައިފިއެވެ.

ހިޖުރީ އައު އަހަރަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާ ދޫކުރައްވައި މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ފެށްޓެވި މަތިވެރި މަސައްކަތްޕުޅުން އެތަކެއް ޢިބްރަތެއް ލިބިގެންދާ ދަތުރުފުޅެކެވެ. މިގޮތުން މިއަހަރު އިސްލާމީ އުއްމަތާ، މި ބައްދަލުކުރީ 1446ވަނަ ހިޖްރީ އައު އަހަރެވެ.

އިސްލާމީ ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ 1446ވަނަ ހިޖުރީ އައު އަހަރުގެ މުނާސަބަތާ ގުޅިގެން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ދިވެހި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްވަނީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ. އަދި އައު އަހަރަކީ މުޅި އިސްލާމީ އުއްމަތަށް އުފާ ފާގަތި އަހަރެއްކަމުގައި ލެއްވުން އެދި ދުޢާކުރައްވާފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ އިސްލާމީ އައު އަހަރާ ބައްދަލުކުރަން ޖެހުނުއިރު ބައެއް އިސްލާމީ ޤައުމުތަކުގައި ތިބި އެތައް ހާސް މުސްލިމުންނެއް ދެރައާއި ހިތާމައާއި އެތައް ތަކުލީފުތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްކަން ހަނދާންކުރަންޖެހޭކަމަށެވެ. އެގޮތުން ސޫދާނާއި ބުރުމާއާއި ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ވާހަކަ ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ދިވެހިރައްޔިތުންނަށް ފޮނުއްވާފައެވެ.
ޙިޖުރީ ގޮތުން 1446 ވަނަ އަހަރު ފެށުމުގެ މުނާސަބާގެ ތަހުނިޔާއާ މުބާރިކު ބާދީ އަރިސްކުރައްވާ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ގައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާ ދާރުކުރުވައިގެން ކަމަށެވެ. އަދި ޤައުމީ މަޞްލަޙަތަށްވުރެ އަމިއްލަ މަޞްލަޙަތު އިސްނުކުރުމަށް އެމެސެޖުގައި އެމަނިކުފާނުވަނީ އިލްތިމާސް ކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސްވަނީ ހިޖުރީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހަ ދިވެހީންނަށާއި އެންމެހާ މުސްލިމުންނަށްވެސްވަނީ ފޮނުއްވާފައެވެ. އަދި މިފެށޭ އައު އަހަރަކީ ހުރިހާގޮތަކުންވެސް އުފާވެރި އަދި ކާމިޔަބު އަހަރެއްކަމުގައި ލެއްވުން އެދި ތަހުނިޔަގެ މެސެޖުގައިވަނީ ދުޢާކުރައްވާފައެވެ.

ހިޖްރީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވެސްވަނީ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ. އެމަނިކުފާނުގެ ތަހުނިޔަގެ މެސެޖުގައިވަނީ އައު އަހަރަށް މަރުޙަބާ ވިދާޅުވެ މިދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ހުރިހާ ދިވެހީންނާއި މުޅި އިސްލާމީ އުއްމަތަށް އަރިސްކުރާކަމަށް ވިދާޅުވެފައެވެ. އަދި މިއީ ހެޔޮކަންކުރުމަށް ލިބިގެންދިޔަ އިތުރު ފުރުސަތެއްކަމުގައި ލެއްވުންއެދިވަނީ ދުޢާކުރައްވާފައެވެ.

ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ އިސް ފަރާތްތަކާއި ޖަމިއްޔާ ޖަމަޢަތްތަކުންދަނީ އިސްލާމީ އުއްމަތް މިއަދު މަރުޙަބާ ކިޔަމުން މިދާ 1446ވަނަ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމުންނެވެ.