ހިޖުރީ އައު އަހަރާއި ގުޅުވައިގެން ގެފުޅުގެ "ކިސްވާ" ނުވަތަ އުރަކޮޅު ބަދަލުކޮށްފިއެވެ.
ބޮޑު މިސްކިތާއި ކީރިތި ރަސޫލާގެ މިސްކިތުގެ ކަންކަން ބަލަަހައްޓާ ޖެނެރަލް ޕްރެޒިޑެންސީގެ އޮފިޝަލުން ވަނީ ކިސްވާ ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަަޑައިގެންފައެވެ.
ކިސްވާ ތައްޔާރު ކުރަނީ ރަނާއި ރިހީގެ ރޮދިން ވިޔެގެން ލިޔާ ކީރިތި ޤުރްއަނުގެ އާޔަތްތަކާއެކު އެންމެ މޮޅު ފަށުވިންނެވެ.
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގައި 159 ޓެކްނީޝަނުންނާއި މާހިރުން ވަނީ ބައިވެރިވެފައެވެ. އާ އުރަކޮޅު ބަދަލު ކުރުމުގެ މަސައްކަތުގައި 200އަށްވުރެ ގިނަ މަސައްކަތު މީހުންގެ އިތުރުން އިދާރީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އުރަކޮޅު ތައްޔާރު ކުރީ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސްގައެވެ.
ކައުބާގެ އުރަކޮޅު އާކުރުމަކީ މައްކާގެ އާދަތަކުގެ ތެރޭގައި ހިމެނޭ އާދަކާދައެކެވެ. ތާރީޚީ ރިވާޔަތްތަކުގައި ވާގޮތުން އެންމެ ފުރަތަމަ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރަމުން އައީ އަހަރަކު ދެފަހަރުގައެވެ. އެހެން ނަމަވެސް އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު، ގެފުޅުގައި އުރަކޮޅު ލައްވަމުން އައީ އަހަރަކު ތިން ފަހަރުއެވެ. އަދި އޭރު ގެފުޅުގެ އުރަކޮޅު ނުނަގައި މަތިމައްޗަށް ލަމުން އައުމަށް ފަހުގައި އެކަން ބަދަލު ކުރެއްވީ، އުސްމާނީ ޚިލާފަތުގެ ދުވަސްވަރު ޚަލީފާ ނާސިރެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް ގެފުޅުގެ އުރަކޮޅު ބަދަލު ކުރަނީ ކުރިން އޮތް އުރަކޮޅު ނެގުމަށް ފަހުގައެވެ.
ގެފުޅުގެ އުރަކޮޅުގެ ބަރު ދަނަކީ 650 ކިލޯއެވެ. އުރަކޮޅު ވިޔެފައި ވަނީ ކަޅުފަށުވީންނެވެ. އުރަކޮޅު ޒީނަތްތެރިކުރުމަށް އަޅާފައިވާ ކުރެހުންތަކާއި ޤުރުއާނުގެ އާޔަތްތައް ލިޔެފައި ވަނީ ރަނާއި ރިހީގެ ރޮދިންނެވެ. މިގޮތުން އުރަކޮޅުގައި 150 ކިލޯގެ ރަނުގެ ރޮއްޖާއި، 50 ކިލޯގެ ރިހި ރޮދި ބޭނުންކޮށްފައި ވެއެވެ. އުރަކޮޅުގައި 41 ބައި އޮންނައިރު ކޮންމެ ބައެއްގެ ދިގުމިނަކީ 14 މީޓަރެވެ.
އެހެން އަހަރުތަކުގައި ގެފުޅުގެ އުރަކޮޅު ބަދަލު ކުރަމުން އަންނަނީ، ހައްޖު ދުވަހުގައެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން ނިންމާފައި އޮތީ ކޮންމެ ހިޖުރީ އާ އަހަރަކާ ގުޅުވައި ގެފުޅުގެ "ކިސްވާ" ނުވަތަ އުރަކޮޅު ބަދަލުކުރުމަށެވެ.