މޯލްޑިވްސް އިމިގްރޭޝަންގެ އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ހުރީ ދިވެހީންކުރާ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ޙަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުވެސް އިމިގްރޭޝަނުންވަނީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން ދިޔަ ޓޭކްއަވޭ ކޮފީ ޝޮޕެއް ރެއިޑްކޮށް ބިދޭސީންގެ ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ ބޮޑު އޮޕަރޭޝަނެއްވަނީ މިހާރު ފަށާފައެވެ. މިއޮޕަރޭޝަނާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ވިދާޅުވީ އިމިގްރޭޝަންގެ އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ހުރީ ގަވާއިދާ ޚިލާފަށް ޙަރަކާތްތެރިވާ ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅުއެޅުންކަމަށެވެ.
މިވަގުތު އަޅުގަނޑުމެންގެ ފޯކަސް މިހުރީ ދިވެހި ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ އެފަދަ ވިޔަފާރި ކުރަމުންދާތީ އެފަދަ ތަންތަން ދެނެގަނެ އެ ފަރާތްތައް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސް،…
— Mohamed Shamaan Waheed (@ShamaanW) July 6, 2024
ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ އިމިގްރޭޝަނުން މަސައްކަތްކުރަމުންދަނީ ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކަމަށެވެ. އަދި މިހާރު ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށްދާނެކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.
އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ މިއޮޕަރޭޝަންގެ ތެރެއިން ޑޮލަރު ވިއްކުމުގައި ޙަރަކާތްތެރިވި 2 ބިދޭސީއަކާއި ކޮފީ ޝޮޕެއް ހިންގަމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ.
ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ. އަދި ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭގައި ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.