ޚަބަރު

ސަބް-ސްޓޭޝަނަކުން ކޭބަލް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި


  • މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް

  • ފުލުހުން ދަނީ މައްސަލަ ތަޙުގީގުކުރަމުން

ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތައް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޢުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި މިމައްސަލަ ތަޙުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:12 ހާއިރު މަޖީދިއްޔާ ސްކޫލް ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރުތަކެއްގައި ހުރި ކޭބަލްތަކެއް ބުރި ކޮށްލުމަށްފަހު ވަނީ ވަގަށް ނަގާފައެވެ. މީގެ ސަބަބުން އެދުވަހު ހެންވޭރުގެ ބައެއް ސަރަޙައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ކަރަންޓު ކޭބަލް ބުރިކޮށްގެން ވަގަށް ނެގުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިއީ ނުރައްކާތެރި ކަމަކަށްވާއިރު މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ހުޅުމާލޭގެ ހިޔާ ފްލެޓު ސަރަޙައްދުގައި ހުރި ޓްރާންސްފޯމަރެއްގެ ކޭބަލް ބުރިކޮށްގެން ވަގަށް ނަގަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން މީހަކު ވަނީ މަރުވެފައެވެ.

މިއީ ނުރައްކާތެރިކަމަކަށްވާތީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކަށް އެކުންފުނީގެ މުވައްޒަފުން ވަންނަނީ ޓްރާންސްފޯމަރު ނިއްވާލައިގެންކަން ސްޓެލްކޯއިން ފާހަގަކުރެއެވެ. އަދި ސްޓެލްކޯއިން ވަނީ އެކުންފުނިން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޭނުންކުރާ ކޭބަލްތައް ވަގަށް ނުނެގުމަށް އިލްތިމާސްކޮށްފައެވެ.