ޚަބަރު

ހިޖުރީ އައު އަހަރު ފާހަގަކުރާއިރު އަޒުމް ކަނޑައަޅަންވީ ޤައުމަށް ފާގަތިކަން ހޯދަން ގުޅިގެން މަސައްކަތްކުރުމަށް: ރައީސް


  • އެމަނިކުފާނު މިހެން ވިދާޅުވީ ޙިޖްރީ އައު އަހަރުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި

ޙިޖްރީ އައު އަހަރާއެކު ކޮންމެ ދިވެއްސަކުވެސް އަޒުމް ކަނޑައަޅަންވީ ޤައުމަށް ފާގަތިކަން ހޯދަން ގުޅިގެން މަސައްކަތްކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ޙިޖްރީ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ޙިޖްރީ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުއްވާލައްވަވާ، މިއީ އެ ބަރަކާތްތެރި ޙަޔާތްޕުޅުން ޢިބްރަތާއި ދަރުސް ޙާސިލުކުރަން އެންމެ މުހިއްމު ދަނޑިވަޅުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަދު ބައްދަލުކުރި ޙިޖްރީ އައު އަހަރުގެ މުނާސަބާގައި ކޮންމެ ދިވެއްސަކުވެސް ޢަޒުމް ކަނޑައަޅަންވީ ޤައުމު މިއަދު އޮތް ޙާލަތުން އެއަށްވުރެ ރަނގަޅު ފާގަތި މާދަމައަކަށް ދިޔުމަށް މަސައްކަތް ކުރުމުގެ ޢަޒުމްކަމަށާއި، އަދި ޤައުމުގެ ކަންކަން އިސްލާޙުކުރުމަށް އެންމެ އެކަތިގަނޑަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މީގެކުރިން އަޅާނުލެވި ދޫކޮށްލެވިފައިވާ ކަންކަމާއި ޤާނޫނު ތަންފީޒު ނުކުރެވުމުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއާއި އެކަކު އަނެކަކަށް ހެޔޮކަންކަމަށް ބާރުއެޅުމުގައި އިހުމާލުވެފައިވާ މިންވަރު ފާހަގަކުރައްވާ އެކަންކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުން ލިބޭ އެއްޗަކުން ޚަރަދު ދެކޮޅުޖެއްސުމާއި އިޤްތިޞާދުކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މައުނަވީ ގޮތުން ޙިޖްރަކުރުމަކީ އިންސާނާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ދިޔުންކަން ފާހަގަކުރައްވާ އެކަމަށް އެއް ރޫޙެއްގައި މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި މިވަގުތު މުޅި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަސްޠީނުގެ މައްސަލަކަން ފާހަގަކުރައްވާ އެކަމުން އަރައިގަތުމަށްޓަކައި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި ހިފަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މުޅި އިސްލާމީ އުއްމަތަށްޓަކައި އިސްނަގާ އަޑު އުފުލާނެ ބައެއްގެ ގޮތުގައި ދިވެހީން އަބަދުވެސް ތިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ މިފެށިގެން ދިޔަ އައު އަހަރަކީ މާތްﷲގެ މަދަދާއެކު ރާއްޖެއަށް ފާގަތި އަހަރެއްކަމުގައި ލެއްވުން އެދި ދުޢާކުރައްވަމުންނެވެ. އަދި އެމަގުން އެމަނިކުފާނުގެ ސަރުކާރުން ރެއާއި ދުވާލު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.