ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އީރާނުގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ


އީރާންގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި މަސްޢޫދު ބީޛިޝްކިޔާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ޢީރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މަސްޢޫދު ބީޛިޝްކިޔާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މަސްޢޫދު ބީޛިޝްކިޔާންގެ ޒައާމަތުގައި ރާއްޖެއާއި އީރާންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައިވެއެވެ.

އީރާނުގެ އިންތިހާބީ ރައީސަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ އަދި ސަރަހައްދީ ފެންވަރުގައި ފާގަތިކަމާއި، އަމާންކަން ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައެވެ.

އީރާނުގެ ރައީސްކަމުގެ މަޤާމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު މަސްޢޫދު ބީޛިޝްކިޔާން އިންތިހާބުވެވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ޤައުމުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަރކަމުގެ މަޤާމު ފުރުއްވާފައިވާ ސަޢީދު ޖަލީލީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.