ޚަބަރު

އޭއެފްސީ ޗެލެންޖާސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ


އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން މުޅިން އަލަށް ތަޢާރަފްކުރި ތިންވަނަ ފަންތީގެ ކުލަބު މުބާރާތް ކަމަށްވާ އޭއެފްސީ ޗެލެންޖާސް ލީގުގެ ގްރޫޕު ސްޓޭޖުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނިއްޖެ އެވެ.

މީގެކުރިން ރާއްޖެއިން ވާދަކުރަމުން އައީ އޭޝިއާގެ ދެވަނަ ފަންތީގެ ކުލަބު ފުޓުބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުގައެވެ. ނަމަވެސް އޭއެފްސީން ގެނެސްފައިވާ ބަދަލުތަކާއެކު ރާއްޖޭގެ ކުލަބުތަކަށް ދެން ފުރުސަތު ލިބޭނީ ތިންވަނަ ފަންތީގެ މުބާރާތުންނެވެ.

މި މުބާރާތާއެކު ދެން އަލަށް ފަށާ މުބާރާތްތަކަކީ އޭއެފްސީ ޗެމްޕިއަންސް ލީގު 2 އާއި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓެވެ. އޭއެފްސީ ޗެމްޕިއަންސް ލީގު 2 އަކީ ކުރިން އޭއެފްސީ ކަޕެވެ.

މާޒިޔާ ލައްވާލާނެކަމަށް މީގެކުރިން ބެލެވުނީ ޗެލެންޖާސް ލީގުގެ ޕްލޭއޮފުން ކަމަށެވެ. ނަމަވެސް ލީގު ފޯމެޓާއި ޕްރިލިމިނަރީ މެޗު ޝެޑިއުލް އިއުލާނުކުރިއިރު، މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުގެ ފުރުސަތު ލިބޭ ޓީމުތަކުގެ ތެރޭގައި ހިމަނާފައެވެ.

ޗެލެންޖާސް ލީގުގެ ގްރޫޕު ސްޓޭޖުގައި މާޒިޔާގެ އިތުރުން މި ސަރަހައްދުގެ ޓީމަކަށް ދެން ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. ދެން މި ސަރަހައްދުގެ ޓީމުތަކުގެ ތެރެއިން ޗެލެންޖާސް ލީގުގެ ޕްލޭއޮފް ބުރުގައި ހިމެނެނީ ބޫޓާންގެ ޕާރޯ އެފްސީ އާއި ނޭޕާލުގެ ޗާޗް ބޯއީސް ޔުނައިޓެޑެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ ކުލަބުތަކުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން 2004 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ މި މުބާރާތުގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވަނީ 2005 ވަނަ އަހަރު މުބާރާތުގެ ތިންވަނަ ހޯދާފައެވެ. އަދި 2013 ވަނަ އަހަރު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވެސް ކުޅެފައެވެ. ނިއު ރޭޑިއަންޓް ފިޔަވާ އެހެން ޓީމަކަށް ގްރޫޕް ފިޔަވަހިން ބޭރަށް ނުދެވެއެވެ.