ޚަބަރު

މެނިންގޯކޮކަލް ބަލީގެ ކޮންޓްރެކްޓް ޓްރޭސިން ނިމުނުއިރު އިތުރު މީހަކު ޕޮޒިޓިވްއެއް ނުވޭ: އެޗްޕީއޭ


  • ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ކޭސްއަކީ އިންޕޯޓެޑް ކޭސްއެއް

  • މިހާތަނަށް ފެނިފައިވަނީ އެންމެ ކޭސްއެއް

  • މިބަލީގެ ކޭސްއާ ގުޅިގެން ކުރެވުނު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައި

ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ބަލީގެ އިތުރު ކޭހެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން ކްލޯޒް ކޮންޓެކްޓުންނަށް ބޭސް ދީފައިވާ ކަމަށެވެ. އަދި މި ބައްޔާއި ގުޅިގެން ކުރިއަށް ގެންދިިޔަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން ވަނީ ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރައްވާފައެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވަނީ އެ ކޭސް ފެނުމާ ގުޅިގެން އެޗްޕީއޭއިން އަވަސް ފިޔަވަޅުތަކެއް އެޅުއްވިކަން ޕީއެސްއެމް ނިއުސްއަށް މީގެކުރިން ވިދާޅުވެފައެވެ. އަދި އެބަލީގެ ބެކްޓީރިއާ ފެތުރުނަ ނުދިނުމަށް ދޭ އެންޓިބައޮޓިކް ޕްރޮފެލެކްޓިކް ބޭސް ދީ ބަލި ފެތުރުމަށް އޮތް ފުރުޞަތު ނައްތާލާފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

މި ބައްޔަކީ މުޖުތަމައު އަށް ފެތުރިގެން ދިއުމުގެ ނުރައްކާ ވަރަށް ކުޑަ ބައްޔެއް ކަމަށެވެ.

މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ބޮލުގައި ރިއްސުން، މޭނުބައިކޮށް ހޮޑުލެވުން، ވާނުވާ ނޭގުން އަދި ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ޖެހުންފަދަ އަލާމާތްތައް ހިމެނެއެވެ. އެހެންކަމުން މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.