ޚަބަރު

ވެހިކަލް ރަޖިސްޓްރީކޮށްދޭނެ ޢަދަދު ކަނޑައެޅުމަށް އެސެސްމަންޓެއް ހަދަނީ


  • ޝައުގުވެރިވާފަރާތްތަކަށް އެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

  • މި އެސެސްމަންޓްގައި އެކި ބާވަތުގެ އުޅަނދުތައް ވަކިން ކަނޑައަޅަންޖެހޭ

މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ ޢަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ދިރާސާއެއް ކުރިއަށްގެންދިޔުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ ޢަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ސަރވޭ ކުރުމާއި މިކަމާގުޅޭ ސްޓަޑީއެއް ހެދުމަށްޓަކައި އެސެސްމަންޓް ހަދާދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައެވެ. އަދި އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 18 ވަނަ ދުވަހާހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުނިތަކަށާއި، ޕާރޓްނަރ ނުވަތަ އަމިއްލަ ވިޔަފާރިތަކަށެވެ. ބީލަމަށް ކުރިމަތިލާ ފަރާތަކީ ދައުލަތުގެ ޕްރޮކިއުމަންޓް ބީލަމަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް މާލެ ސިޓީކައުންސިލުން ވިދާޅުވެއެވެ.

މި އެސެސްމަންޓްގައި މާލެ ސިޓީގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އެންމެ ގިނަ ޢަދަދު އަދި އެކި ބާވަތުގެ އުޅަނދުތައް ވަކިން ކަނޑައަޅަންޖެހެއެވެ. އަދި އުޅަނދެއް އެންމެ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ މުއްދަތާއި، ވަކިވަކި ފަރުދުންގެ ނަމުގައާއި ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ނަމުގައި ނުވަތަ ދަޢުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވެނެ އެންމެ ގިނަ އަދަދު ކަނޑައެޅުން ހިމެނެއެވެ.

މި އެސެސްމަންޓް ހަދާއިރު މާލެ ސިޓީގެ އާބާދީއާއި، އެއްގަމު އުޅަނދުގެ އަދަދާއި، މާލޭގައި އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކާއި، ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑު މިންވެސް ހިމަނަންޖެހެއެވެ. މީގެ އިތުރުން އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ މިންވަރާއި، ދުއްވާ މަގުތަކާއި ލޭނުތަކާއި ޕާކުކުރާނެ ސަރަޙައްދު އިތުރުކުރުމަށް އޮތް މިންވަރުފަދަ މުހިއްމު މަޢުލޫމާތުތައް އެސެސްމަންޓްގައި ހިމަނަންޖެހެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އޮންނަގޮތުން ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންޖެހޭނެއެވެ.


އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް މިދިޔަ މާރޗްމަހުގައި ގެނައި އިސްލާޙްގައި ވަނީ ރަށްރަށާއި ސިޓީތައް ނުވަތަ ވަކި ސަރަޙައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ ކައުންސިލްތަކުން އެސެސްމަންޓެއް ހަދާ ވެހިކަލް ކެޕޭސިޓީ ދެނަގަތުމަށްފަހު ކަމަށެވެ.

މި ޤަވާއިދުގެ ދަށުން ވެހިކަލް ކެޕޭސިޓީ 4 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އެއީ އާންމު ދަތުރުފަތުރުގެ ނިޒާމުގެ އުޅަދުތަކާއި، އަމިއްލަ އުޅަނދުތަކާއި، ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކުގެ އިތުރަށް ސިނާޢީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކަށެވެ. އަދި މި ކެޓަގަރީތައް ވަކި ސަބް-ކެޓަގަރީތަކަށް ބަހާލުމުގެ އިޚުތިޔާރު ކައުންސިލަތަކަށް ލިބެއެވެ.

ވަކި ކެޓަގަރީތަކަށް ވެހިކަލްތަކުގެ އަދަދު ކަނޑައެޅި ނަމަވެސް އޭގެ ތެރެއިން އަމިއްލަ އުޅަނދުތަކުގެ ތެރެއިން 2 ފުރޮޅުލީ އުޅަނދުތަކަށް ވެހިކަލް ކެޕޭސިޓީގެ ގޮތުގައި އެންމެ ގިނަވެގެން ކަނޑައެޅޭނީ 80 އިންސައްތަކަމަށް މި އިސްލާޙްގައިވެއެވެ.