ޚަބަރު

ވައިގެ ދަތުރުފަތުރުގެ އެންމެ ބޮޑު ބައްދަލުވުން، ރާއްޖޭގެ ފަތުރުވެރިކަމަށް ފައިދާކުރާނެ!


  • އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް އޮންނާނީ މި މަހުގެ 9އިން 11އަށް

  • ކޮންގްރެންސްގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ލޭންޑްސްކޭޕް އޮންނަ ގޮތް އެނގިގެންދާނެ

އަންނަ އަންގާރަ ދުވަހު ބާއްވާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ނުވަތަ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގެ ބޮޑު ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ފައިދާއެއްކުރާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް އޮންނާނީ މި މަހުގެ 9އިން 11އަށް ކުރުނބާ މޯލްޑިވްސްގައެވެ. މި ކޮންގްރެސްއަކީ ދުނިޔޭގެ ފެންވަރުގައި އެއަރލައިންތަކާއި އެއަރޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު ކޮންގްރެސްއެވެ. މިކޮންގްރެސްއަކީ ގްލޯބަލް ޓްރެވެލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަހަރުގެ ކޮންގްރެސްގައި އެއަރލައިންތައް ހިމެނޭހެން 150 މަންދޫބުން ބައިވެރިވާނެއެވެ. އޭހެތެރޭގައި ރާއްޖޭގެ އެއަރލައިންތައްވެސް ހިމެނެއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ކޮމިއުނިކޭޝަން އެންޑް މީޑިއާ ޖެނެރަލް މެނޭޖަރު ހާމިދު ހުޒާމް ވިދާޅުވީ ކޮންގްރެންސްގައި ރާއްޖޭގެ ސްޓޯލެއް ހުންނާނެ ކަމަށެވެ. އަދި މި ކޮންގްރެސްގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޒާމް ވިދާޅުވީ ރާއްޖޭގެ ފޮޓޯތަކާއި، ވިޑީއޯތައް ގިނަ ބަޔަކަށް ފެނި، ރާއްޖެ ހަމަ ލޮލުން ބަލާލާ، ރާއްޖޭގެ ކަންކަން ކައިރިން ތަޖުރިބާ ކޮށްލުމަށް ލިބޭ ފުރުސަތަކީ ތަފާތު ތަޖުރިބާއަކަށްވާނެ ކަމަށެވެ. އެހެންކަމުން މި ކޮންގްރެސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ގިނަ ދޮރުތަކެއް ހުޅުވޭނެކަމަށް ޤަބޫލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ތެރޭގައި ބައިވެރިވާ ބޭފުޅުންނަކީ ހަމައެކަނި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ވަޑައިގަންނަވާ ބޭފުޅުންނެއް ނޫން. ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އަންނާނެ ކޮންގްރެސްއަށް. ތަނަކަށް އައިސް ކަމެއް ތަޖުރިބާ ކުރާނަމަ އެބޭފުޅުން ގެންދާނެ ބައިވަރު ސްޓޯރީތައް ހުންނާނެ. ދުނިޔޭގެ އެކި ޤައުމުތަކެއްގެ މީހުން ރާއްޖެއާ މެދު ދެކޭ ގޮތާއި ރޫޓްތައް ޑިވަލޮޕްކުރުމާއި އޭވިއޭޝަން އިންޑަސްޓްރީއާއެކު މަޝްވަރާ ކުރާނެ. ފަތުރުވެރިކަމުން މިކަމުން ވަރަށް ބޮޑު ބޫސްޓެއް އަންނާނެ ކަމަށް ލަފާ ކުރަނީ." ހުޒާމް ވިދާޅުވިއެވެ.


ހުޒާމް ވިދާޅުވީ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއިން ރާއްޖޭގެ ފަތުުރުވެރިކަމަށް ކުރިއެރުން އަންނައިރު އެކަން އެއްދުވަހަކުން ނޫނީ ދެ ދުވަހަކުން ފެނިގެން ނުދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ނަތީޖާ ފެންނަން ދުވަސް ނެގިޔަސް އެކަމުން ރާއްޖެއަށް ކުރާނެ ފައިދާ ބޮޑު ކަމަށް ހުޒާމު ވިދާޅުވިއެވެ.

އެއަރ ކޮންގްރެންސްގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ލޭންޑްސްކޭޕް އޮންނަ ގޮތް އެނގިގެންދާނެ ކަމަށާއި ރާއްޖޭގެ ބްރޭންޑް ޕްރޮމޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހުޒާމް ވިދާޅުވީ ވައި ދަތުރުފަތުގެ ސިނާއަތް ފެށިގެން އައީ ފަތުރުވެރިކަމުގެ ޑިމާންޑާއެކު ކަމަށެވެ.

"އެއަރޕޯޓުގެ ފެށުންވެސް ގުޅިފައި އޮތީ ފަތުރުވެރިކަމުގެ ސިނާއަތާއި ރާއްޖެއަށް ޓޫރިސްޓުން އަންނަން ބޭނުންވެގެން އުފެދުނު ޑިމާންޑެއްގެ ތެރެއިން ކޮމާޝަލް އޭވިއޭޝަން ރާއްޖޭގައި ފެށިގެން އައި. އަޅުގަނޑުމެންގެ މައިގަނޑު ޑިމާންޑަކީ ފަތުރުވެރިކަންވެސް ކުރިއެރުވުމާއި ސިނާއަތަށް ފައިދާ ހުރި ގޮތަށް ކަންތައްތައް ބައްޓަން ކުރުން" ހުޒާމް ވިދާޅުވިއެވެ.

މިހާރު ވެސް 40 ވަރަކަށް އެއަރލައިނުން ރާއްޖެއަށް ދަތުރުކުރާކަން ފާހަގަކުރައްވާ ހުޒާމް ވިދާޅުވީ ގިނަ އެއަރލައިންތަކުން ރާއްޖެ އަންނަ ކަމަށްވާނަމަ ރާއްޖޭގެ ކަނެކްޓިވިޓީ އިތުރުވެ، އެކި ރީޖަންތަކާއެކު މަސައްކަތް ކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް މިއަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނުކަން އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރު ސެން ފްރެންސިސްކޯގައި ބޭއްވި ކޮންގްރެސްގައެވެ.

2010 ވަނަ އަހަރުންފެށިގެން ބާއްވަމުން އަންނަ މި ކޮންގްރެސް ވަނީ އެމެރިކާ، އިނގެރޭސިވިލާތް އަދި ދުބާއީގައިވެސް ބާއްވާފައެވެ.