ޚަބަރު

ސްޕެއިނުން ހޯދީ ތާރީޚީ ނަތީޖާއެއް: ފުއެންޓޭ


"
ޖަރުމަނު ކައިރިން ސްޕެއިނުން ހޯދީ ތާރީޚީ ނަތީޖާއެއް، އަހަރެން ވަރަށް ފަޚުރުވެރިވޭ ގައުމު ތަމްސީލްކުރުމުގެ ފުރުޞަތު ލިބުމުން.
ސްޕެއިނުގެ ކޯޗު، ލުއިސް ޑި ލާ ފުއެންޓޭ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ޖަރުމަނު އަތުން 1-2 އިން މޮޅުވި މެޗަށްފަހު، ސްޕެއިނުގެ ކޯޗު، ލުއިސް ޑި ލާ ފުއެންޓޭ ވަނީ، ސްޕެއިނުން ޖަރުމަނު ކައިރިން ހޯދީ ތާރީޚީ ނަތީޖާއެއް ކަމަށާއި، މިފަދަ ބޮޑު މުބާރާތެއްގައި އޭނާގެ ގައުމު ތަމްސީލުކުރަން ފުރުޞަތު ލިބުމުން ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއެންޓޭ ބުނީ، ސްޕެއިނާއެކު މުބާރާތުގައި ވަރަށް ދުރަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އަބަދުވެސް ކަންކަން ރަނގަޅުކުރަން ޖާގަ އޮންނާނެ ކަމަށާއި، އެކަމަކު އޭނާގެ ކުޅުންތެރިންގެ ފަރާތުން ދަނޑުމަތީގައި އެ ދައްކުވައިދިން ކޮލިޓީ އާއި ކޮމިޓްމަންޓާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

ސްޕެއިނުގެ ކުޅުންތެރިންނަށް ކޯޗުކޮށްދެވޭތީވެ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި، އޭގެތެރެއިން ގިނަ ކުޅުންތެރިންނަކީ އެތައް އަހަރުތަކެއް ކުރިއްސުރެ އޭނާ އަށް ވަރަށް ރަނގަޅު އެނގޭ ކުޅުންތެރިން ކަމަށާއި، އެންމެ މަތީ ލެވެލްގައި ވާދަކުރުމަކީ އެމީހުންނަށް އާކަމެއް ނޫން ކަމަށާއި، އޭނާގެ ކުޅުންތެރިންނަށް މުބާރާތެއް ކާމިޔާބުކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފައެވެ.

"މި ޓީމުން އަބަދުވެސް ރަނގަޅު ވާދައެއް ކުރާނެ." ފުއެންޓޭ ބުންޏެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކުރާނީ ފިޒިކަލީ ރަނގަޅުކުރެވިދާނެ ކަންކަމަށް ކަމަށާއި، ސެމީ މެޗަށް މިހާރުވެސް ހުރިހާ ކުޅުންތެރިން ތިބީ ތައްޔާރަކަށް ކަމަށް ފުއެންޓޭ ބުންޏެވެ.

ދަނޑު ބޭރުގައި ހިނގާ ކަންތައްތަކަށް އެމީހުންނަށް ބާރު ނުފޯރުވޭނެ ކަމަށާއި، އެކަމަކު މުޅި ގައުމުގެ އެންމެންގެ ތަރުހީބާއި ސަޕޯޓް ލިބޭތީވެ ވަރަށް ބޮޑަށް އުފާވާ ކަމަށް ވެސް ފުއެންޓޭ ނިންމާލަމުން ވަނީ ބުނެފައެވެ.

މުބާރާތުގެ ސެމީގައި ފްރާންސާ ދެކޮޅަށް ސްޕެއިން ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ މި މަހުގެ 9 ވާ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.