ޚަބަރު

އެންޑީއޭގެ ސީއީއޯ އިމާދު ޞާލިޙު މަޤާމުން ވަކިކޮށްފި


  • އިމާދު މަޤާމުން ވަކިކުރީ އޮޑިޓް ހެދުމަށްފަހު

  • ވަގުތީ ސީއީއޯއެއް ވަނީ އައްޔަންކޮށްފައި

ނެޝަނަލް ޑްރަގް އެޖެންސީ، އެން.ޑީ.އޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިމާދު ޞާލިޙު މަޤާމުން ވަކިކޮށްފިއެވެ.

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ، އެން.ޑީ.އޭގެ ޙާލަތު ދެނެގަނެ އިސްލާޙި ބަދަލުތައް ގެންނަން ފަށާފައިވާކަމަށެވެ. ލުބްނާ މިހާރު ހުންނެވީ އެން.ޑީ.އޭގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ލުބްނާ ވިދާޅުވީ، އެން.ޑީ.އޭގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިމާދު ޞާލިޙު އެ މަޤާމުން ވަކިކުރުމަށް އެން.ޑީ.އޭގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ނިންމީ، އެ އިދާރާގެ މަޤުޞަދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދަމުން ގޮސްފައި ނުވާތީކަމަށެވެ.

ލުބްނާ ވިދާޅުވީ، އެން.ޑީ.އޭގެ ޙާލަތު ދެނެގަތުމުގެ މާލީ އޮޑިޓެއް ހަދާފައިވާކަމަށެވެ. އޮޑިޓުތަކުން ފާހަގަކުރެވުނީ އެން.ޑީ.އޭގެ މަޤުޞާދާ އަދި އެ އިދާއިރާއިން ސަރުކާރުގެ ސިޔާސަތުތައް ބޭނުންވާ ސްޕީޑްގައި ތަންފީޒުކުރުމުގެ މިސްރާބަށް މަސައްކަތްތައް ކުރިއަށްނުދާކަންކަމަށް ލުބްނާ ވިދާޅުވިއެވެ.

ޢެންޑީއޭ މިހާރު ހިންގަނީ ވަގުތީ ސީއީއޯއެއްގެ ބެލުމުގެ ދަށުންނެވެ.

އެން.ޑީ.އޭ ރިފޯމްކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށް ލުބްނާ ވިދާޅުވިއެވެ. އަދި އެ އެޖެންސީއަށް އައު ސީ.އީ.އޯއެއް އައްޔަނުކުރުމަށް ބޯޑުން ބޭފުޅަކު ނޮމިނޭޓްކުރަރައްވާ އެ މަސައްކަތްތައް ބޯޑުން މިހާރު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިމާދު ޞާލިޙު އެމް.ޑީ.އޭގެ ސީއީއޯގެ މަޤާމަށް އައްޔަނުކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ.

އައު ސަރުކާރު ފެށުނީއްސުރެ އެންޑީއޭ ހިންގަނަި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުންނެވެ. މިގޮތަށް ބަދަލުކުރެއްވީ އެ އިދާރާގެ ޚިދުމަތް ރަނގަޅުކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރެއްވުމަށެވެ. މީގެ ކުރިން އެ އިދާރާ ހިންގީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.