ތަޢުލީމު

ގދ.އަތޮޅު 2 ރަށެއްގެ ސްކޫލް ކުލާސްރޫމް އެޅުއްވުމަށް ޙަވާލުކޮށްފި


ގދ. އަތޮޅު ދެރަށެއްގެ ސްކޫލްގެ ކުލާސް ރޫމް އެޅުއްވުމަށް އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކުރައްވައިފިއެވެ.

މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިޔަށް ގެންދިޔަ ރަސްމިޔާތެއްގައި ސޮއިކޮށްފައިވަނީ ގދ. އަތޮޅު މަދަރުސާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކުލާސްރޫމްގެ 3 ބުރީގެ އިމާރާތުގެ އެއްބަސްވުމާއި ގދ.ހޯޑެއްދޫ ސްކޫލުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 5 ކުލާސްރޫމާއި ސްޕަވައިޒަރސް ރޫމް އިމާރާތްކުރުމުގެ އެއްބަސްވުމެވެ.

ގދ.އަތޮޅު މަދަރުސާގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 12 ކުލާސް ރޫމްގެ 3 ބުރީގެ އިމާރާތަށް 13 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޙަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މި އިމާރާތުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ކިޔަވަން ފެށޭވަރު ވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢޫލޫމާތު ދެއްވައެވެ. އަދި ގދ.ހޯޑެއްދޫ ސްކޫލުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 5 ކުލާސްރޫމާއި ސްޕަވައިޒަރސް ރޫމް އިމާރާތް ކުރުމަށް 6 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޙަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މި އިމާރާތުގެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިޔަށްގެންދިޔަ މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީޢު ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން ސްކޫލްތައް އިމާރާތްކޮށް ވަސީލަތްތައް ޤާއިމްކުރުމަށްޓަކައި ކަނޑައެޅިފައިވާ މިންވަރަކީ ރިކޯޑް މިންވަރެއް ކަމަށެވެ. އަދި 100 އަށް ވުރެ ގިނަ ސްކޫލްގައި މަރާމާތުގެ މަސައްކަތާއި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ ޒަމާނީ ފެންވަރުގެ ސްކޫލްތަކަށް ހެދުމަށްޓައި ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި 2 ސްކޫލް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ޢަލީއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ މުހައްމަދެވެ.