ޚަބަރު

އެއްކޮޅަށް މާބޮޑަށް ބުރަވާނެ މެޗެއް ނޫން މިއީ: ޑެޝޯމްޕްސް


ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނިކުތުމުގެ ކުރީން، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ، ހުރިހާ ގޮތަކަށް ބެލިޔަސް ޕޯޗުގަލްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗު ވާނީ ބޮޑު މެޗަކަށް ކަމަށާއި، މާޒީއަށް ބަލާލުމުން ވެސް ދެ ޓީމު ކުޅެފައިވާ މެޗުތަކުގައި ފެނިގެންގޮސްފައިވާ ނަތީޖާތަކަށް ބަލާލަމުން މާބޮޑު ތަފާތެއް ނުފެންނާނެ ކަމަށެވެ.

މުބާރާތުގެ މިހިސާބުން ވެސް ވަކިކޮޅަކަށް މާބޮޑަށް ބުރަވާނެ ފަދަ މެޗެއް ފެނުން އެއީ ދުރުގައި އޮތް ކަމެއް ކަމަށް ވެސް ކޯޗު ފާހަގަ ކުރިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޑެޝޯމްޕްސް ބުނީ، މެޗުތެރޭގައި ނަމަކަށް ބަދަލުތަކެއް ގެނައުމަކީ އޭނާގެ ސްޓައިލެއް ނޫން ކަމަށާއި، މިހާތަނަށް އޭނާ މާގިނަ ބަދަލުތަކެއް ގެނެސްފައިނުވާ ކަމަށެވެ. އެއީ، ދަނޑުމައްޗަށް ކުޅެން ނެރުނު ކުޅުންތެރިންގެ ފަރާތުން މާބޮޑު ވަރުބަލިކަމެއް ފެނިގެންގޮސްފައިނުވާތީ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

މުބާރާތުގައި މިހިސާބަށް އައިއިރު ފްރާންސުން ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާ ކަމަށާއި، ހަމައެކަނި އުނދަގޫލަކަށް ވެފައިވަނީ އެ ފުރުޞަތުތައް ނިންމާލުމުގައި ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސް ޓީމުގެ ފޯމާ ބެހޭގޮތުން ޑެޝޯމްޕްސް ބުނީ، އޭނާގެ ޓީމުގެ ޑިފެންސް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، މިވަރުގެ މުބާރާތެއްގައި އެއީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އަދި ކުރިއާ އަޅާބަލާއިރު އެންމެ ފަހުން ކުޅުނު މެޗުތަކުގައި އިދިކޮޅު ޓީމަށް ވުރެ ބޮޑަށް ފްރާންސުން މެޗުތައް ކޮންޓްރޯލްކޮށްފައިވާކަމަށް ވެސް ޑެޝޯމްޕްސް ފާހަގަކުރިއެވެ.

ޕޯޗުގަލް ޓީމެކޭ އެއްގޮތަށް ފްރާންސް ޓީމުގައި ވެސް ކޮލިޓީ ކުޅުންތެރިން އެބަތިބި ކަމަށާއި، ޕޯޗުގަލް އަކީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ޑެޝޯމްޕްސް ބުންޏެވެ.
"ދެ ޓީމުގައި ވެސް ތަފާތު ދެއްކޭނެ ކުޅުންތެރިން އެބަތިބި،" ޑެޝޯމްޕްސް ބުންޏެވެ.

އެޑްރިއަން ރަބިއޯގެ ބަދަލުގައި ކުޅެން އެރުވޭނެ ކުޅުންތެރިން ފްރާންސްގައި އެބަތިބި ކަމަށާއި، މިއީ އެ ވާހަކަތައް ދައްކަންވީ ވަގުތު ނޫން ކަމަށާއި، އެކަމަކު ޕޯޗުގަލްގެ ފުރަތަމަ އެގާރައާ ގުޅޭ މައުލޫމާތުތައް ލިބިފައިވާނަމަ އެ ވާހަކަތައް އަޑުއަހާނެކަމަށް ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސްގެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކަމަށާއި، އެންމެ ފަހުން ކުޅުނު މެޗަށްފަހު މިވީ ހަތަރުވަރަކަށް ދުވަހުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ރަނގަޅަށް ރިކަވާކުރުމަށް ކޯޗިންގ ސްޓާފުން ބުރަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ޑެޝޯމްޕްސް ފާހަގަކުރިއެވެ.

ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯއާ ބެހޭގޮތުން ޑެޝޯމްޕްސް ބުނީ، ރޮނާލްޑޯ އަކީ މެޗުތަކުން މޮޅުވުމުގެ ގާބިލްކަން ހުރި، މެޗުތަކުގެ ނަތީޖާ ކަނޑައަޅައި، ލަނޑުޖެހުމުގެ ކުޅަދާނަކަން ލިބިގެންވާ ކުޅުންތެރިއެއް ކަމަށެވެ. އޭނާގެ އުމުރުން ދުވަސްވިޔަސް އެކަންތައް ބަދަލުނުވާނެ ކަމަށާއި، އޭނާ އަކީ އަބަދުވެސް ރަނގަޅު ވާދަވެރިއެއް ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

ޕޯޗުގަލްއާ ދެކޮޅަށް ފްރާންސް ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.