ޚަބަރު

ސްޕެއިން ޓީމާއި ކުޅުނަސް ވަކި ޚާއްސަ ތައްޔާރީތަކެއް ނުވާނެ: ނާގަލްސްމަން


"
އަހަރެމެން މިތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި، މެޗުގައި ރަނގަޅު ކުޅުމެއް ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތް.
ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި މިރޭ ސްޕެއިނާ ދެކޮޅަށް ނިކުތުމުގެ ކުރީން، ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން ބުނީ، ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗު ވާނީ ވަރަށް މުހިއްމު މެޗަކަށް ކަމަށާއި، އެކަމަކު ވެސް ޖަރުމަނު ޓީމުން އެ މެޗަށް ތައްޔާރުވުމުގައި ހާއްސަކަމެއް ނުގެންގުޅޭ ކަމަށާއި، އެމީހުންގެ ތައްޔާރީތައް ހުރީ މީގެކުރީން މުބާރާތުގައި ކުޅުނު މެޗުތަކެކޭ އެއްގޮތަށް ކަމަށެވެ. ހުރިހާ ކަމެއް ވެސް އޮތީ ހަމަ އެއްގޮތަކަށް ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

ނާގަލްސްމަން މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މެޗުގެ ފުރަތަމަ އެގާރައިގައި ފަށާނީ ކޮން ކުޅުންތެރިންނެއް ކަމާއި، ނުފަށާނީ ކޮން ބައެއްކަން ވެސް ނިންމާފައިވާ ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފައެވެ. ކުރިއަށް އޮތް މެޗާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކައި، ވީޑިއޯ ވެސް ބަލާފައިވާ ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

މިއީ ފައިނަލެއް ނޫން ކަމަށާއި، ކުއާޓާ ފައިނަލް ކަމަށް ބުނަމުން ނާގަލްސްމަން ވަނީ، ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމަކަށް ވާން ޖަރުމަނުން ބޭނުންވާ ކަމަށާއި، ސްޕެއިނުން ވެސް ނިކުންނާނީ މުބާރާތުގެ ފައިނަލަށް ގޮސް ތަށި ކާމިޔާބުކުރުމުގެ އަޒުމުގައި ކަމުން މި މެޗު ފަސޭހަނުވާނެ ކަމަށް ބުނެފައެވެ.

ނާގަލްސްމަން ބުނީ، ސްޕެއިނާ ޖަރުމަނަކީ ވެސް ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ، ކައުންޓާ ޕްރެސިންގ ވެސް ރަނގަޅު ކޮލިޓީއެއް ހުރި ދެ ޓީމަށް ވެފައި، އިދިކޮޅު ޓީމު ޕްރެޝަރަށް ދުއްވާލުމުގެ ގާބިލްކަން ދެ ޓީމަށް ވެސް ލިބިފައިވާ ކަމަށް ވެސް ނާގަލްސްމަން ފާހަގަކުރިއެވެ. އަދި އެ މެޗުގައި ކުރިމަތިލާންޖެހޭ ވަން-އޮން-ވަން ހާލަތްތަކުގައި އޭނާގެ ޓީމު ކޮޅަށް ބުރަވާ ގޮތަށް މަސައްކަތްކުރުން ވަރަށް މުހިއްމުވާނެ ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

ސްޕެއިނުގެ ޒުވާން ވިންގް، ލަމީން ޔަމާލްއާ ބެހޭގޮތުން ނާގަލްސްމަން ވަނީ، ފަހަކަށްއައިސް އޭނާގެ ފަރާތުން އެއްފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކަމުންއަންނަ ކަމަށާއި، އޭނާގެ މަސައްކަތަކަށްވެފައި އޮންނަނީ ވެސް އެކަން އެގޮތަށް ދެމެހެއްޓުމަށް ކަމަށްވާއިރު ހާއްސަކޮށް ވަން-އޮން-ވަން ހާލަތްތަކުގައި ވެސް އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދާ ކަމަށް ބުނެފައެވެ.

އަދި ޔަމާލް އަށް އެންމެ 16 އަހަރު ކަމަށްވީނަމަވެސް އޭނާއާ ދެކޮޅަށް ޑިފެންސްކުރަން ފަސޭހަނުވާނެކަމަށާއި، ނިއުޓްރަލް ސަޕޯޓަރުންނަށް އޭނާ އަކީ ވަރަށް ޝައުގުވެރިވާނެ ކުޅުންތެރިއަކަށްވިޔަސް ޖަރުމަނުގެ ހުރިހާ ފޯކަސްއެއް ހުރީ ޔަމާލްގެ ބަދަލުގައި ޖަމާލް (މުސިއާލާ) އަށް ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

ސްޕެއިނާ ދެކޮޅަށް ޖަރުމަނު ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.