ޚަބަރު

ސްކޫލްގެ އިތުރު ހަރަކާތްތަކުން ކުދިންނަށް ގިނަކަންކަން ދަސްވޭ: ނައިބު ރައީސްގެ އަނބިކަނބަލުން


  • ކުދިން ހެދިބޮޑުވުމުގައި ޒިންމާދާރު ބަޔަކަށް ހަދަން ތުއްތު އިރު އިސްކަން ދޭންޖެހޭ

  • ސްކޫލްގެ އިތުރު ޙަރަކާތްތަކުން ކުދިން ގިނަ ކަންކަން ދަސްކުރޭ

  • ގަލޮޅު މަދަރުސާގެ 80 ކުއްޖަކަށްވަނީ ބެޖް ހަވާލުކޮށްފައި

މަދަރުސީ ދުވަސްވަރު އިތުރު ހަރަކާތްތަކުގައި ކުދިން ބައިވެރިކުރުވުމުން ކުދިންގެ ވިސްނުން ތަރައްޤީވެ މުޖުތަމަޢަށް ނުކުންނަން ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންތެރި މުހިއްމު އެތައްކަމެއް ދަސްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢައިޝަތު އަފްރީން މުޙައްމަދު ވިދާޅުވެއްޖެއެވެ. އަފްރީން މިހެން ވިދާޅުވީ ގަލޮޅު މަދަރުސާގެ 24 ވަނަ ސްޓަރ އިންވެސްޓިޗަރ ސެރަމަނީ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ގަލޮޅު މަދުރަސާގެ ސްޓަރ އިންވެސްޓިޗަރ ސެރަމަނީގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢައިޝަތު އަފްރީން މުޙައްމަދުވަނީ ކުދިންގެ ހެދިބޮޑުވަމުން އަންނައިރު ސަމާލުކަން ދޭންވީ މުހިއްމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކުއްޖާގެ ވިސްނުން ހަރުދަނާކޮށް ކުއްޖާއަކީ ހުރިހާކަމެއްގައިވެސް ނަމޫނާ ދަރިވަރަކަށް ހެދުމަށް ތުއްތުއިރު ކަންކަމަށް ހޭނުވުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިގޮތުން އަމިއްލަ ޒިންމާތަކާއި ޢިލްމާއި ޙިލްމް ދަސްވާ އެއްކަމެއްގެ ގޮތުގައި ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ފާހަގަކުރައްވާ ނައިބު ރައީސްގެ އަނބިކަނބަލުންވަނީ އެފަދަ ހަރަކާތްތަކުގައި ހުރިހާ ކުދިންވެސް ބައިވެރިކޮށްދެއްވުމަށް ބެލެނިވެރިންނާއި ޓީޗަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ނައިބު ރައީސްގެ އަނބިކަނބަލުން ޢައިޝަތު އަފްރީން މުޙައްމަދުވަނީ ގަލޮޅު މަދުރަސާގެ ސްޓަރ ކުދިންގެ އިންވެސްޓިޗަރ ސެރަމަނީގައި ކުދިންނާ ގުޅޭ ވާހަކައެއް ކިޔާދެއްވާފައެވެ.

ގަލޮޅު މަދަރުސާގެ ސްޓަރ އިންވެސްޓިޗަރ ސެރަމަނީގައި މިއަހަރުވަނީ ޔޫކޭޖީގެ ޖުމްލަ 80 ކުއްޖަކަށް ބެޖް ހަވާލުކޮށްފައެވެ. ގަލޮޅު މަދަރުސާއަކީ ސްޓަރގެ ހަރަކާތް އެންމެ ފުރަތަމަ ފެށި ސްކޫލެވެ. އެގޮތުން 2000 ވަނަ އަހަރު އެސްކޫލްގައި ފެށި މިހަރަކާތް ކޮންމެ އަހަރަކު ބާއްވަމުން އަންނަކަމަށް އެސްކޫލުން ބުނެއެވެ. އަދި މިއީ މިހަރަކާތް ބޭއްވި 24 ވަނަ އަހަރެވެ.