ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި


  • އަލިފާނުގެ ސަބަބުން ދުމުގެ އަސަރުކޮށްގެން 5 މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން

މ.އެންޒިއަންގޭގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ބައެއް ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިއަދު މެންދުރު 2:50 ހާއިރުއެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 5 މީހަކަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓްގައި ދިރިނޫޅެވޭވަރަށް ގެއްލުން ލިބިފައިވާކަަމަށެވެ. އެހެންކަމުން އެ ތަނުގައި އުޅޭ މީހުންނަށް ވަގުތީ ބޯހިޔަވަހިކަން ހަމަޖެއްސުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެގޮތުން ކުރިއަށް އޮތް 15 ދުވަހަށް ހުރުމާއި ކެއިން ބުއިމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ އެ މުއްދަތުގެ ތެރޭގައި ތަނަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ހަދާނެކަމަށާއި އެއަފަށްފަހު ލިބުނު ގެއްލުމުގެ ބަދަލު ދޭނެކަމަށެވެ.