ޚަބަރު

އުނގަންނައިދެއްވުމުގެ ދާއިރާގައި 35 އަހަރު، ޝަކީބުބެ ރިޓަޔަރކުރައްވައިފި


  • ޝަކީބުބެ ފުރަތަމަ ޚިދުމަތް ފެށީ މުދައްރިސެއްގެ ގޮތުގައި

  • އަމިއްލަ ޝައުގުވެރިކަމުގައި މީޑިއާ ދާއިރާއަށް ނިކުތީ ރޭޑިއޯ ޕްރޮގްރާމެއް ހުށައަޅަން

  • އޭގެފަހުން ޓީވީގެ ވަޒީފާއަށް ވަދެ، ގިނަ ޕްރޮގްރާމްތަކެއް ހުށައަޅާފައިވޭ

ތަޢުލީމީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު އަޙުމަދު ޝަކީބް (ޝަކީބުބެ) ރިޓަޔަރކުރައްވައިފިއެވެ. ތަޢުލީމީ ދާއިރާގެ އިތުރުން، ޝަކީބުބެވަނީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަބައެއް ލޯބި ހޯއްދަވާފައެވެ.

ރަސްމީ މަސައްކަތެއްގެ ގޮތުން އަޙުމަދު ޝަކީބު ފުރަތަމަ ޚިދުމަތް ކުރެއްވީ ޖަމާލުއްދީން ޕްރައިމަރީ ސްކޫލް ހުޅުވި އަހަރު 1985ގައި އެސްކޫލްގެ މުދައްރިސެއްގެ ގޮތުގައެވެ. މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ނިކުންނެވީ އެދާއިރާއިން ތަޢުލީމު ޙާސިލްކުރެއްވުމަށްފަހުއެވެ. އެއަށްފަހު ދެން ވަޒީފާ ބަދަލުކުރެއްވީ، ސަރުކާރުން ހިންގަމުން އައި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ އީޑީސީއަށެވެ. އެއަށްފަހު ތަޢުލީމީ ދާއިރާގެ އެކި މަޤާމުތަކުގައި ޚިދުމަތްކުރެއްވިއެވެ.

ކުޑައިރުން ފެށިގެން ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމަށް ޝައުގު ހުންނަ އަޙުމަދު ޝަކީބު، އާއްމު ނަމުންނަމަ (ޝަކީބުބެ) އެންމެންގެ ސަމާލްކަމަށް އައީ ރޭޑިއޯއާއި ޓީވީގެ ޕްރޮގްރާމްތަކުނެވެ.

ޕްރެޒެންޓަރެއްގެ މަސައްކަތް ކުރެއްވީ ވަޒީފާއެއްގެ ގޮތުގައެއްނޫނެވެ. ޝަކީބުބެގެ އެންމެ ފުރަތަމަ ހުށައެޅުއްވުމަކީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމް "ކުޑަކުދިންގެ ބަގީޗާ"އެވެ. މިއީ މަޢުލޫމާތު މުއްސަނދި، ރިވެތި ސިފަތައް ލިބިފައިވާ ހޭލުންތެރި ކުދިންތަކެއް ބިނާކުރުމަށް އަމިއްލަ ޝަޢުވެރިކަމުގައި ފެއްޓެވި ޕްރޮގްރާމެކެވެ. "ޝަކީބުބެ" މިނަން މަޝްހޫރުވީވެސް މިޕްރޮގްރާމާއެކުއެވެ. ހަމައެދުވަސްވަރު ޕާޓްޓައިމް މަސައްކަތެއްގެ ގޮތުން ދުވަހު ނޫސް "ހަވީރު"ގައި ކުޑަކުދިންނަށް ޚާއްސަ ޞަފުހާއެއް ޝަކީބުބެ ލިޔުއްވިއެވެ.

ޕްރޮގްރާމް ހުށައެޅުއްވުންތެރިއެއްގެ ގޮތުގައި ޝަކީބުބެ އެންމެންނަށް އެނގުނުނަމަވެސް، އެންމެ ފުރަތަމަ ޓެލެވިޜަން މޯލްޑިވްސްގައި މަސައްކަތް ފެއްޓެވީ އޭރުގެ ނިއުސްރޫމްގައި، އިނގިރޭސި ޚަބަރުތައް ތަރުޖަމާކުރައްވާ މީހެއްގެގޮތުގައެވެ. އަދި އެއަށްފަހު ޚަބަރު ހުށައަޅައިދެއްވަންވެސް ފެށްޓެވިއެވެ.

އޭރުވެސް އެންމެ ބޮޑު ޝަޢުގުވެރިކަމެއް ހުރީ މަޢުލޫމާތު ލިބެނިވި ޕްރޮގްރާމްތައް ހެއްދެވުމާއި، ކުޑަކުދިންގެ ޚާއްސަ ޕްރޮގްރާމްތައް ގެނެސްދެއްވުމަށް ކަމަށް ޝަކީބުބެ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރެއްވިއެވެ.

ފުރަތަމަ ޓީވީ ޕްރޮގްރާމް ހުށައެޅުއްވި ދުވަހުގެ ހަނދާން އައު ކުރައްވަމުން ޝަކީބުބެ ވިދާޅުވީ، ޕްރޮގްރާމް ހުށައަޅަން އަރަންޖެހުނީ، އެޕްރޮގްރާމަށް ކަނޑައަޅާފައިވާ ޕްރެޒެންޓަރު ފަހު ވަގުތު ނާދެވޭކަން އެންގުމުން، އިތުރު ގޮތެއް ނެތުމުންކަމަށެވެ. އޭގެ ފަހުން ޓީވީގެ ގިނަ ޕްރޮގްރާމްތަކެއް އަމިއްލަޔަށް ތައްޔާރުކުރައްވައިގެންވެސް ހުށައަޅުއްވާ ދެއްވާފައިވެއެވެ. ޝަކީބުބެ ޓީވީގައި ހުށައެޅުއްވި މަޤުބޫލު ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި މަރިޔާދު، ހޭޔަންބޯ، ހެނދުނު ހެނދުނާ އަދި ތިޔަބޭފުޅުންގެ ފުރުޞަތު ހިމެނެއެވެ.

ޓީވީ ހަޔާތުގެ އެންމެ މުހިންމު ހަނދާނެއްގެ ގޮތުގައި ފާހަގަކުރެއްވީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ކަވަރޭޖެވެ. ޝަކީބުބެ ވިދާޅުވީ ރާޅު އަރައިގެން އުޅޭކަން އެނގިގެން، ޓީވީ އިމާރާތަށް ވަނީ އިތުރަށް ޚަބަރު އޮޅުންފިލުވާލަންކަމަށެވެ. ނަމަވެސް ހާލަތު މާބޮޑަށް ގޯސްވުމުން ވަގުތުން ލައިވް ކަވަރޭޖް ހުށައަޅަން އަރަންޖެހުނީކަމަށެވެ. އެދުވަހުގެ ހެނދުނު 10:00އިން ފެށިގެން، ފަތިހު 5 ޖެހުމާ ހަމައަށް ޝަކީބުބެ ހުންނެވީ ރަށްރަށުން ލިބެމުންދިޔަ ޚަބަރާއި މަންޒަރުތައް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމަށެވެ.

ސުނާމީ ކަވަރޭޖަކީ މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު ޓީވީ ކަވަރޭޖެވެ. ސުނާމީ ކަވަރޭޖް މެދުނުކެނޑި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔައެވެ. ރައްޔިތުން ތިބި ޙާލަތާއި މާޔޫސްކަމުގެ ވާހަކަތަކާއި އެމަންޒަރުތަކަކީ، ހިތުން ފިލައިގެން ނުދާނެ ހަނދާނެއްގެ ގޮތުގައި ޝަކީބުބެ ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާއާއި މީޑިއާ ދާއިރާ ހިމެނޭގޮތަށް، ޝަކީބުބެ ވަނީ 35 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައެވެ. އަދި މިޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ޝަކީބުބެ ވަނީ ތަޢުލީމީ ދާއިރާގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައެވެ.

ޝަކީބުބެ ވިދާޅުވީ، ކުޑަކުދިންނަށް އުނގަންނައިދިނުމާއި ރައްޔިތުންނަށް ބޭނުންވާ އާއްމު މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން އަބަދުވެސް ހުންނާނެކަމަށެވެ.

އެޝަޢުގުވެރިކަން އުފެދިގެން އައީ އެއްބަނޑު ކޮއްކޮމެންނަށް ފިލާވަޅު ބުނެދިނުމުގެ ތެރެއިންކަމަށެވެ. ކުޑަކުދިންނަށް ޚާއްސަކޮށް ޝަކީބުބެ ނެރުއްވި "ކޮވެލި"އަކީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ނެރުނު ހަމައެކަނި ނޫންވެސްމެއެވެ.

ޝަކީބްބެ މީޑިއާގެ ދާއިރާ ސިފަކުރެއްވީ، އަޚްލާޤާއި ސުލޫކީ މިންގަނޑު ހިފަހައްޓާ ހަރުދަނާ މީހެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައެވެ. ގިނަ ބަޔަކަށް އިނގޭ، އަދި ގިނަބައެއްގެ ލޯބި ލިބުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ޝަކީބުބެ ވިދާޅުވިއެވެ.