ޚަބަރު

ހަށިވިއްކުމުގެ ތުހުމަތުގައި 2 ބިދޭސީއަކު ހައްޔަރުކޮށްފި


  • މި ދެ މީހުން ހައްޔަރުކުރީ ޖުލައި 3 ގައި ހިންގި އޮޕަރޭޝަނެއްގައި

  • އަތުލައިގެންފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނުން

ހަށި ވިއްކުމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި 2 މީހުން އަތުލައިގަތީ މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން ލިބުމާއެކު 3 ޖުލައި 2024 ވީ ބުދަ ދުވަހުގެ ރޭ، ޓާސްކް ފޯރސް އިން ޚާއްސަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިންކަމަށެވެ.

މި އޮޕަރޭޝަންގައި އަތުލައިގަނެފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނުންނެވެ. ނަމަވެސް އެމީހުންނާބެހޭ އިތުރު ތަފްޞީލެއް ހާމަކޮށްފައެއްނުވެއެވެ.

ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ މައްސަލަތަކާ ގުޅިގެން މިގޮތަށް އަތުލައިގަނެވޭ މީހުން ރާއްޖެއަށް ނާދެވޭގޮތަށް އަނބުރާ ޤައުމަށް ފޮނުވާލައެވެ.