ޚަބަރު

ސަމިޓް އޮފް ދަ ފިއުޗާ ޔޫތު އެކްޝަން ޑޭޒްގައި ބައިވެރިވުމުގެ ފުރުސަތު ހުލުވާލައިފި


  • ސަމިޓްގައި ބައިވެރިވުމުގެ ފުރުޞަތު 10 ޒުވާނަކަށް ވަނީ ހުޅުވާލާފައި

  • މި ސަމިޓް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 20 އަދި 21 ވަނަ ދުވަހު

އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ ފިއުޗަރ ޔޫތު އެކްޝަން ޑޭގެ ސަމިޓުގައި ބައިވެރިވުމުގެ ފުރުޞަތު ޒުވާނުންނަށް ހުޅުވާލައިފިއެވެ.

މި ސަމިޓުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

އެ ވުޒާރާއިން ވިދާޅުވީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ 10 ޒުވާނުންނަށް މިސަމިޓްގެ ހުރިހާ ޚަރަދެއް އދ. އިން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި ހަރަކާތަކީ ތަފާތު ސްޓޭކްހޯލްޑަރުން އެއްތަނަކަށް ގެނެސް، ރަނގަޅު މުސްތަޤުބަލަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މަޤްޞަދުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

ސެޕްޓެމްބަރު މަހުގެ 20 އަދި 21 ވަނަ ދުވަހު ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބާއްވާ ސަމިޓް އޮފް ދަ ފިއުޗަރ ޔޫތު އެކްޝަން ޑޭޒްގެ މަޤްޞަދަކީ ސަރުކާރުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ވިޔަފާރިތަކާއި، ޒުވާނުންނާއި އަދި އެނޫންވެސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.

މީގެއިތުރުން މުހިންމު ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކާއެކު، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ސަމިޓަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރުންވެސް ހިމެނެއެވެ.

މި ޔޫތު އެކްޝަން ޑޭއަކީ ޒުވާން ލީޑަރުންގެ ދިރިއުޅުމަށާއި، މުސްތަޤުބަލަށާއި، އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ނާޒުކު ކަންކަމުގައި އަޑު އުފުލުމަށްލިބޭ ފުރުސަތެއްކަން ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ސަމިޓަށް ބައިވެރިން ހޮވާނީ އދ.ގެ ޔޫތު އޮފީހާއި، ޒުވާނުންގެ ޖަމިއްޔާތަކާއި، ކުރީގެ އެޑްވޮކަސީ ގްރޫޕްތައް ތަމްސީލުކުރާ ކޮމިޓީއަކުންކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.