ކުޅިވަރު

ޓޯނޭ، މަދުން ކުޅެން ފުރުޞަތު ލިބުނަސް ޓީމަށް އެހީތެރިވާން ތައްޔާރު!


ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި ސްލޮވާކިއާ އާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ އިތުރުވަގުތުގައި ކުޅެން ނެރުމުން ހިތްހަމަނުޖެހުނު ކަމަށާއި، އެކަމަކު ލިބޭ ކޮންމެ ފުރުޞަތެއްގައި ޓީމަށް އެހީތެރިވާން ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ ފޯވާޑް، އައިވަން ޓޯނޭ ބުނެފިއެވެ.

މިފަހަރުގެ މުބާރާތުގައި ޓޯނޭގެ ފުރަތަމަ ފެނިލުމަކީ ސްލޮވާކިއާ އާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗެވެ. އެ މެޗުގެ އިތުރުވަގުތުގެ ތެރޭގައި އޭނާ ކުޅެން ނިކުތްއިރު އިންގްލެންޑް އޮތީ 0-1 އިން ފަހަތުގައެވެ. ޓޯނޭ ކުޅެން ނިކުތްތާ މާގިނައިރުތަކެއް ނުވަނީސް ޖޫޑް ބެލިންހަމް ވަނީ އޯވަހެޑް ކިކަކުން ނަތީޖާ 1-1 އަށް ބަދަލުކޮށްލާފައެވެ. މިއާއެކު، މެޗު ދިޔައީ އިތުރުވަގުތުގެ 30 މިނެޓުގެ ދެ ހާފުގެ ކުޅުމަށެވެ.

އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އިންގްލެންޑުން ލީޑްނެގިއިރު އެ ޓީމުގެ ކެޕްޓަން، ހެރީ ކޭން އަށް ލަނޑުޖަހަން އެހީތެރިވެދިނީ ޓޯނޭ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު، އެބެރެޗީ އެޒޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ޓޯނޭ ބޮލުން ޖައްސާލި ޕާހަކުން ކޭން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އެ މެޗަށްފަހު ދެއްކި ވާހަކައިގައި އިނގިރޭސި ކޯޗު، ގަރެތު ސައުތުގޭޓް ބުނީ، މެޗު ނިމެން އެހާ ކުޑަވަގުތުކޮޅަކަށްވެފައި ވަނިކޮށް ކުޅެން އެރުވުމުން ޓޯނޭ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ. އެކަމަކު، ޓޯނޭ ވަނީ، ޓީމުގައި ކޮންމެ ދައުރެއް އަދާކުރަން ޖެހުނަސް އޭނާ އެކަމެއް ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޯނޭ ބުނީ، މެޗުތަކުގައި ކުޅުމަށް ވަގުތު ލިބުމަކީ ވަރަށް އުނދަގޫކަމެއް ކަމަށެވެ.

ޓޯނޭ، 28، ކުޅެމުން އަންނަ ކުލަބު، ބްރެންޓްފޯޑްގައި އޭނާ އަކީ ފިޓްކޮށް ހުރެއްޖެނަމަ ގަވާއިދުން ކުޅުމުގެ ފުރުޞަތު ލިބޭ ކުޅުންތެރިއަކަށްވިޔަސް އިންގްލެންޑްގެ ކޯޗު، ސައުތުގޭޓް ގެންގުޅޭ އެންމެ ސްޓްރައިކަރެއް ލައިގެން ކުޅޭ ސިސްޓަމުގައި އެ ޓީމުގެ ކެޕްޓަން، ކޭން އަށް އެކަނި އެ ފުރުޞަތު އޮތުމުން ދެން ހުރި ކޮންމެ ކުޅުންތެރިއަކަށް އޮތީ ބެންޗުން އަރާ ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފުމެވެ.

ޓޯނޭ ވަނީ، ކުޅެން ކިތަންމެ މަދުން ފުރުޞަތު ލިބި، އެކަމާ ހިތްހަމަނުޖެހުނަސް އޭނާގެ ކުލަބުގެ ސްޕޯޓްސް ސައިކޮލޮޖިސްޓްގެ އެހީތެރިކަން ހޯދައި، ގައުމީ ޓީމަށް އެހީތެރިވާން ލިބޭ ކޮންމެ ފުރުޞަތެއްގައި އެކަމެއް ކުރުމަށް ފުރިހަމައަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއްކޮށްފާ ކަމަށް ބުނެފައެވެ.

"އާނ، އެހާ މަދު އިރުކޮޅެއް ކުޅެން ލިބުމުން އަހަރެން ހިތްހަމައެއްނުޖެހޭ، އެކަމަކު 30 ވަރަކަށް މިނެޓު ކުޅެން ލިބުނަސް މޫޑު ރަނގަޅުކޮށް އެންމެ ރަނގަޅަށް ފޯކަސްކުރަންޖެހޭނެ." ޓޯނޭ ބުންޏެވެ.

ޓީމަކުން މުބާރާތެއް ކާމިޔާބުކުރުމަށްޓަކައި ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިންގެ އިތުރުން ސްކޮޑުގައި ދެން ހިމެނޭ ކުޅުންތެރިންގެ ދައުރުވެސް ވަރަށް ބޮޑުވާނެ ކަމަށާއި، އެއްބަޔަކު އެއީ، ބަދަލުކުޅުންތެރިން ނުވަތަ ނިންމާލަން އަރާ ކުޅުންތެރިންގެ ގޮތުގައި މުހާތަބުކުރިކަމަށްވިޔަސް އެ ހުރިހާ ކުޅުންތެރިންވެސް ތިބެންވާނީ ކޮންމެ ވަގުތަކުވެސް ކުޅެން ނިކުންނަން ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ވެސް ޓޯނޭ ނިންމާލަމުން ބުންޏެވެ.

މުބާރާތުގައި އިންގްލެންޑުން ދެން ކުޅޭ މެޗުގައި ސްވިޓްޒަލޭންޑާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9 ޖަހާއިރު އެވެ.

"
އަހަރެމެން އެންމެންގެ ކުލަބުތަކުގައި ގަވާއިދުން ގިނަ މެޗުތަކެއް ކުޅުމަށްފަހު މިގޮތަށް މަދުވަގުތު ކުޅެން ލިބުމުން އުނދަގޫ، އެކަމަކު މިއީ ކުރީން ވެސް ތަޖުރިބާކޮށްފައިވާ ކަންކަން. ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފާނަން.
އިންގްލެންޑްގެ ފޯވާޑް، އައިވަން ޓޯނޭ