ޚަބަރު

ގިނަ ރަށްރަށުގެ މަގު ބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫން: ފެނަކަ


  • ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ މަގުބައްތިތަކަށް ކަރަންޓު ދިނުން ހުއްޓާލަނީ

  • ދެން ކަރަންޓް ދޫކުރާނީ ސަބް ޑީބީ ހަރުކޮށްފައިވާ މަގުބައްތިތަކަށް އެކަނި

ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް އާތު ލީކޭޖް ސާކިއުޓް ބްރޭކާ، އީއެލްސީބީ ހަރުނުކުރާ މަގު ބައްތިތަކަށް މި މަހަށްފަހު ކަރަންޓު ދިނުން ހުއްޓާލަނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން މިގޮތަށް ނިންމާފައިވަނީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓް ކުރުމަށްފަހު ނެރުނު އިޢުލާނެއްގައެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުމަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި އީއެލްސީބީ މެދުވެރިނުކޮށް މަގުބައްތިތަކަށް ކަރަންޓް ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ފެނަކައިން ވިދާޅުވީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަގުބައްތިތަކަށް، މީގެފަހުން ކަރަންޓް ދޭނީ އެކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކޮށްފައިވާ ބައްތިތަކަށް އެކަނިކަމަށެވެ. އަދި އެކަން އެކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ކައުންސިލްތަކަށް މިދިޔަ މަހުގެ 9 ވަނަ ދުވަހު އަންގާފައިވާކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.

މީގެ އިތުރުން ސަބް ޑީބީ ހަރުނުކޮށް ހުރި މަގުބައްތިތައް މިިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި މި މަސައްކަތުގެ މުހިންމު ކަމުން މި މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން ނިންމާފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ. އަދި މިހާރު ދީފައިވާ މުއްދަތުގެތެރޭގައި ކައުންސިލްތަކުން، ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލް ކޮށްދޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފެނަކައިން ތަކެތި ފޯރުކޮށްގެން ބިލް ކުރާގޮތަށް ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ސަބް ޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް އެކުންފުނިން ވަނީ ކޮށްދޭން ނިންމާފައެވެ.

މިއީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މިންގަނޑަށް މަގު ބައްތިތަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވުމުން ދީފައިވާ މުއްދަތުގެ ތެރޭގައި މިންގަނޑާއި އެެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ޖުލައި މަހުގެ ނިޔަލަށް ކަރަންޓު ކަނޑާލާނެކަމަށް ފެނަކައިން ބުނެއެވެ. އަދި މި ކަންތަތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓަރ ކުރަމުން ދާނެކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.

ރަށްރަށުގައި ހުންނަ މަގު ބައްތިތައް ބެހެއްޓުމާއި އެތަކެތި މަރާމާތުކުރުމުގެ މަސައްކަތްކުރަނީ އެރަށެއްގެ ކައުންސިލްގެ ބެލުމުންގެ ދަށުންނެވެ.

ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރިކަމުގެ މިންގަނޑާ އެއްގޮތައްކަން ކަށަވަރުކުރުމަށް އިންސްޕެކްޝަނެއް ހިންގާފައި މިވަނީ މިދިޔަ މެއި މަހު ރ. އުނގޫފާރުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސް ހުރި ކަރަންޓުގައި ކުޑަކުޖަކު ޖެހި ހާދިސާއެއް ހިނގާފައިވަނިކޮށެވެ. މި ހާދިސާގައި ކަރަންޓުގަ ޖެހުނު ކުއްޖާ ސަލާމަތްކުރަން އުޅުނު 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ހާލުދެރަވެ ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.