ޚަބަރު

ޔޫރޯ 2024: ކުއާޓާގެ ވަރުގަދަ ދެ މެޗުގެ އޮފިޝަލުންނަށް މައިކަލް އޮލިވާ އާއި އެންތަނީ ޓޭލާ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުރިއަށް އޮތް މެޗުތަކުން އިނގިރޭސި ދެ ރެފްރީން ކަމަށްވާ، މައިކަލް އޮލިވާ އާއި އެންތަނީ ޓޭލާ އަށް ފުރުޞަތު ލިބިއްޖެއެވެ.

ޓޭލާ، 45، ކަނޑައަޅާފައިވަނީ މުބާރާތުގެ ދެ ފޭވަރިޓުންކަމަށްވާ ސްޕެއިނާ ޖަރުމަނާ ބައްދަލުކުރާ މެޗުގެ ރެފްރީގެ ގޮތުގައެވެ. މި މެޗުގައި އޭނާ އާއެކު ބައިވެރިވާ އިނގިރޭސި މެޗު އޮފިޝަލުންގެ ޓީމުގައި ދެން ހިމެނެނީ؛ ގެރީ ބެސްވިކް، އެޑަމް ނަން އަދި ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ގޮތުގައި ސްޓުއާޓް އަޓްވެލް އެވެ.

އޮލިވާ، 39، އާ ހަވާލުކުރެވިފައިވަނީ ޕޯޗުގަލްއާ ފްރާންސް ބައްދަލުކުރާ މެޗެވެ. މި މެޗުގައި އޭނާގެ އެހީތެރިންގެ ގޮތުގައި ފެނިގެންދާނީ ސްޓުއާޓް ބާޓް، ޑޭން ކުކް އަދި ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ގޮތުގައި ޑޭވިޑް ކޫޓް އެވެ.

މިއީ ޔޫރޯގެ މުބާރާތެއްގައި ޓޭލާ، ރެފްރީކަން ކުރާ ދެވަނަ ފަހަރެވެ. މީގެކުރީން އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯގައި ވެސް އޮފިޝަލްކަން ކޮށްފައެވެ. އަދި، 2022 ވަނަ އަހަރު ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ރެފްރީކަންކުރި އިނގިރޭސި ރެފްރީންގެ ޓީމުގައި ވެސް ޓޭލާ ވަނީ އޮލިވާ އާއެކު ބައިވެރިވެފައެވެ.

ޔުއެފާގެ އެލީޓް ރެފްރީންގެ ތެރޭގައި ހިމެނިފައިވާ، ޓޭލާ ވަނީ ބޮޑެތި މެޗުތައް ކަމަށްވާ، 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލާއި، 2023 ވަނަ އަހަރުގެ ޔުރޮޕާ ލީގުގެ ފައިނަލްގައި ވެސް އޮފިޝަލްކަން ކޮށްފައެވެ.

މި ފަހަރުގެ ޔޫރޯގައި އޮލިވާ ވަނީ މިހާތަނަށް ތިން މެޗެއްގައި ރެފްރީކަން ކޮށްފައެވެ. އެގޮތުން، އޭނާ އެންމެ ފަހުން އޮފިޝަލްކަން ކުރީ ގަދަ 16 ގެ ބުރުގައި ޑެންމާކް އަތުން 0-2 އިން ޖަރުމަނު މޮޅުވި މެޗުގައެވެ.

ޓޭލާ އާއި އޮލިވާ އަށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ވަރުގަދަ މެޗުތަކުން ފުރުޞަތު ލިބިފައިމިވަނީ މިހާތަނަށް ފެނިގެންދިޔަ ރަނގަޅު ޕާފޯމަންސަށް ބަލާފައިކަމަށްވީއިރު، އެ ދެ ރެފްރީންނަށް ކުރިއަށް އޮތް ސެމީ ފައިނަލް މެޗުތަކުގައި އިންސާފުކުރުމުގެ ފުރުޞަތުލިބުން ގާތެވެ.

އެހެންނަމަވެސް، އެމީހުންގެ ބައިވެރިވުން ބިނާވެފައި އޮންނާނީ މިވަގުތު ކުއާޓާ އަށް ދަތުރުކޮށްފައިވާ އިންގްލެންޑުން މުބާރާތުގައި ދައްކާ ކުޅުމުގެ މައްޗަށެވެ. އެއީ، އަމިއްލަ ގައުމުގެ މެޗުތަކުގައި އެއްވެސް ރެފްރީ އަކަށް އޮފިޝަލްކަން ކުރުމުގެ ފުރުޞަތު ނުލިބޭތީއެވެ.