ޚަބަރު

އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށް އެއްބާރުލުން ދޭނަން: އެމްޑީޕީ ޕީޖީ


  • ސަރުކާރުން މަޖިލީހަށް ހުށައެޅި އިޤްތިޞާދީ ބިލުތަކަށް ތާޢީދުކުރާނެ

ރާއްޖޭއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމުގައި އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީގެ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީން ވަނީ ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހުރިކަންކަމަށް ތަޢީދު ކުރާނެކަމަށް ބުނެފައެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ހުށައަޅަފައިވާ އިޤްތިޞާދާ ގުޅުންހުރި 3 ބިލަށްވެސް އެޕާޓިން ތާޢިުދކުރާނެކަމަށް ބުންޏެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވީ ޤައުމުގެ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ވަކި ތަރުތީބަކުން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ ޤައުމު ސަލަމާތް ކުރުމަށްޓަކައި ކުރަން ޖެހޭ މުހިންމު ކަންކަން ކުރުމުގައި، އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ. " މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީ ޕީޖީން މިހެން ބުނެފައިވާއިރު، މާލީއްޔަތު ކޮމެޓީގައި ދާދި ފަހުން ވާހަކަ ދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ، ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހިމެނޭ ގިނަ ކަންކަން މިކުއާޓާގެ ތެރޭގައި ތަންފީޒުވާން ފަށާނެ ކަމަށެވެ. އެހެންނަމަވެސް މިކަންކަން ތަންފީޒުވާ ތަރުތީބަށް ސަރުކާރުގެ މުއައްސަސަތަކާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ބަދަލުވުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.