ޚަބަރު

ތުރުކީ އަށް މޮޅުވެވުނީ އެންމެން އެއްރޫޚެއްގައި ކުރި ބުރަ މަސައްކަތުން: މޮންޓެލާ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރޭ އޮސްޓްރިއާ އަތުން 1-2 އިން މޮޅުވި މެޗަށްފަހު ދެއްކި ވާހަކައިގައި ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ ބުނީ، ތުރުކީން މެޗަށް ތައްޔާރުވީ އިދިކޮޅު ޓީމުގެ ޓެކްޓިކްސްތަކަށް ރަނގަޅު ރައްދެއްދިނުމުގެ ގޮތުން ތަފާތު ގޮތަކަށް ކަމަށާއި، އެކަމުގައި އޭނާގެ ޓީމުން ކާމިޔާބުވެސް ހޯދީ ކަމަށް މޮންޓެލާ ބުންޏެވެ.

މެޗު ނިމެންދިޔައިރު ކޮންމެވެސް ވަރަކަށް އުނދަގޫވިނަމަވެސް، ހުރިހާ ކުޅުންތެރިން އެއް ރޫޚެއްގައި މަސައްކަތްކޮށް އެކަމުން އަރައިގަނެ، މެޗު ކާމިޔާބުކުރީ ކަމަށް ވެސް މޮންޓެލާ ވަނީ ބުނެފައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮންޓެލާ ބުނީ، އޭނާގެ ޓީމަށް އަވަހަށް ލަނޑެއްޖެހުމުން ރަނގަޅު ކުޅުމެއް ދައްކައި، ޑިފެންސްވެސް ރަނގަޅަށްކޮށްފައިވާ ކަމަށެވެ. މެޗުން މޮޅުވެވުނީ ބުރަ މަސައްކަތްތަކެއްކޮށްގެން ކަމަށް ވެސް މޮންޓެލާ ބުންޏެވެ.

މޮންޓެލާ ވަނީ، މެޗުން އެ ޓީމަށް ކާމިޔާބުކުރެވުމުގައި އެންމެ ކުރިއަށް ކުޅުނު ފޯވާޑުންގެ އިތުރުން ޑިފެންޑަރުންނާއި، ގޯލްކީޕަރުގެ ހިއްސާވެސް ބޮޑު ކަމަށާއި، އެގޮތުން ޑިފެންޑަރު، ޑެމިރާލް ދެ ގޯލް ކާމިޔާބުކޮށްފައިވާއިރު ނިމެންދަނިކޮށް ކީޕަރު، މާޓް ގުންޔޯކް މުހިއްމު ސޭވްއެއް ކޮށްފައިވުމުން އެކަން އެނގިގެންދާނެ ކަމަށް ބުނެފައެވެ.

ނެދަލެންޑްސް އަކީ ހުނަރުން ފުރިފައިވާ ޓީމެއް ކަމަށާއި، އެ މެޗު އުނދަގޫވާނެ ކަމަށް މޮންޓެލާ ފާހަގަކުރިއެވެ. މިވަގުތަށް ކުއާޓާ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާ މެޗާ މެދު ނުވިސްނާނެ ކަމަށް މޮންޓެލާ ބުންޏެވެ.

އަދި މުބާރާތުގައި މިހާތަނަށް ތިބި ޓީމުތަކުގެ ތެރެއިން އެންމެ ތަޖުރިބާމަދު ޓީމަކީ ތުރުކީ އަށް ވުމުން މިހާ ހިސާބަށް ދަތުރުކުރެވެމުން ވަރަށް ބޮޑު ހިތްހަމަޖެހުމަށް އެބައޮތް ކަމަށް ވެސް މޮންޓެލާ ވަނީ ބުނެފައެވެ.

ތުރުކީ އަށް ރޭގެ މެޗުގައި ދެލަނޑުޖަހައިދިން ޑިފެންޑަރު، މެރިހް ޑެމިރާލް ބުނީ، އޭނާގެ ހުރިހާ ޝުކުރެއް އޮތީ އެ ޓީމުގެ އެސިސްޓެންޓް ކޯޗު، ސެލްޗުކް ސާހިން އަށް ކަމަށާއި، އޮސްޓްރިއާ އާ ދެކޮޅަށް ބޭނުންކުރެވޭނެ ގިނަ ކަންތައްތަކެއް މެޗުގެ ކުރީން އޭނާ ކިޔައިދީފައިވާ ކަމަށާއި، ކޯނަރުގައި އޭގެ ބޭނުންހިފުނީ އެހެންވެގެން ކަމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ތުރުކީއާ ނެދަލެންޑްސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.