އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން މިމަހުގެ ފުރަތަމަ ދުވަހާހަމައަށް 1015 ގޭބިސީއަކަށް ޒިޔާރަތްކޮށްފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުން ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަހައްދުގައި ފަށާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވެފައިވާ ހިޔާ ފްލެޓުތަކުންނެވެ. އަދި އަތޮޅުތަކުގައި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގައެވެ.
މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހިޔާ ޓަވަރުތަކުގެ 1015 ގެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރައިން ވިދާޅުވެއެވެ. އަދި އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަމުގެ މައްސަލަތައްކަމަށް އެ ވުޒާރައިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ދިމާވާ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައާއި، ގިނަ އާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތައް ރައްޔިތުން ފާހަގަކުރިއެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މިފަދަ މައްސަލަތައް ޙައްލުކުރުމަށް އެ ވުޒާރާއިން ގެންދަނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދައި، ވަޒީފާގެ މާހައުލަށް އެކުދިން އަހުލުވެރިކުރުމަށް ތަފާތު އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ކުރެވެމުންދާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
އެ ވުޒާރައިން ވިދާޅުވީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާގައި އެ ވުޒާރާއިން ވަނީ ގެދޮރުވެރިކަމާއި ބިމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ފަހިދިރިއުޅުން ކޯޕަރޭޝަންއާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސްތައް ހޯދުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވެސް މި ޕްރޮގްރާމުގެ ދަށުން ދަނީ ފޯރުކޮށްދެމުންނެވެ.
އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
އެ ވުޒާރާއިން ވަނީ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން އަވަސް އެހީތެރިކަން ބޭނުންވާ ފަރާތެއް ހުރިކަމުގައި ވާނަމަ، މިނިސްޓްރީގެ ކޯލްސެންޓަރ 1433 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ.